27 May 2019, 14:50
ގދ. ރަތަފަންދޫގެ ފިހާރައަކުން ވަގަށް ނެގި ކަމަށް ބެލެވޭ 27،000 ރުފިޔާ ހޯދައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ރަތަފަންދޫ ފިހާރައެއް ފަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހުގެ ރޭ 3:55ގައި ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެއް ހިމެނެ އެވެ.
އެ އޮޕަރޭޝަންގައި އެ މީހުންނާއި ގުޅުން ހުރި ކަމަށް ބެލެވޭ ތަންތަނާއި ރަށުގެ އެކި ސަރަޙައްދުތައް ބަލައި ފާސްކޮށް، ރަށުގެ މީހުން ނޫޅޭ ހިސާބު ވަލުތެރޭގައި ވަޅުލާފައި ހުރި ފައިސާ ފުލުހުން ވަނީ ހޯދައިފަ އެވެ.
ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދާފައި ވަނީ 20900 ދިވެހި ރުފިޔާ އާއި 412 ޑޮލަރާއި 10 ޔޫރޯގެ އިތުރުން ދެ ކާޓޫނު ސިނގިރެޓެވެ. އެ ތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަކުރުކުރި މީހުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ.
އެ މައްސަލަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.