ބެއިޖިންގް (މޭ 27) : ޗައިނާގެ ރޭލްވޭ ކުންފުނި ކަމަށްވާ ރޮލިންގް ސްޓޮކް ކޯޕަރޭޝަން (ސީއާރުއާރުސީ) އިން މެގަ ސްޕީޑްގެ ރޭލެއްގެ ނަމޫނާ ދައްކާލައިފި އެވެ.

އެކުންފުނީގެ އިސް އިންޖިނޭރެއްކަމަށްވާ ޑެންގް ސަންސަން ވިދާޅުވީ ގަޑިއަކު 600 ކިލޯ މީޓަރުގެ ބާރުދުވެލީގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މި ރޭލްގެ ތަޖްރިބާ ސަތޭކަ ޕަސެންޓް ކާމިޔާބު ކަމުގަ އެވެ. "މަގްލޭވް"ގެ ނަމުން ނަންދީފައިވާ މި މަރުކާއަކީ މިހާތަނަށް ދުނިޔޭގައި އުފައްދާފައިނުވާ ވަރުގެ ބާރު ސްޕީޑްގެ ރޭލެކެވެ. ޑެންގް ސަންސަން ވިދާޅުވީ 2020ގައި މިރޭލްގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކާއި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަރަށް ބާރު ސްޕީޑްގައި ކުރަމުން ގެންދާކަމުގަ އެވެ. މިކަމުގައި އެތައް ސަތޭކަ އިންޖިނޭރުންނާއި އެމީހުންގެ އެހީތެރިންނާ އަދި އެތައް ހާސް މަސައްކަތު މީހުން ސައުވީސް ގަޑީއިރު ޑިއުޓީ ބަހައިގެން މަޝްރޫއު ނިންމުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ޗައިނާގައި އިނގިރޭސި ބަހުން ނެރޭ ނޫހެއްކަމަށްވާ "ސައުތް ޗައިނާ މޯނިންގް" ބުނެ އެވެ.

މަގްލޭވް ރޭލްގެ ދުވެލި ބާރުކަން ދައްކައިދޭ އިމޭޖެއް

އެނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޑެންގް ވިދާޅުވީ އަލަށް އީޖާދުކުރި"މަގްލޭވް" މަރުކާގެ ރޭލްގައި ގާތްގަނޑަކަށް ފަސިންޖަރު މަތިންދާބޯޓުގެ ދުވެލި ހުންނާނެކަމުގަ އެވެ. މަތިންދާބޯޓުގައި ޗައިނާގެ ވެރިރަށް ބެއިޖިންގް އިން އެގައުމުގެ ކޮމާޝަލް ސިޓީކަމަށްވާ ޝެންގްހާއި އަށް ދެވެނީ (ދަތުރަށް ތައްޔަރުވުމުގެ ވަގުތާއެކު) ހަތަރު ގަޑީއިރާއި ބައިގަޑީއިރުންނެވެ. ޗައިނާއިން އަލަށް އުފެއްދި މި ރޭލްގައި ތިން ގަޑީއިރާއި ބައިގަޑީއިރުން ބެއިންޖިންގް އިން ޝެންހާއި އަށް ދަތުރުކުރެވޭނެ އެވެ. މަތިންދާ ބޯޓުގެ ދަތުރުތަކާ ޚިލާފަށް ދަތުރަށް ތައްޔާރުވުމަށް ޓާމިނަލްގައި މަޑުކުރަން ޖެހޭ ވަގުތު ރޭލްގައި ވަރަށް ބޮޑަށް ކުޑަކަމުން އެވަގުތު މީގައި ހިމަނާފައެއް ނުވެ އެވެ.

މިހާރު ޗައިނާގައި ބޭނުންކުރާ އެންމެ ބާރު ސްޕީޑްގެ ރޭލުން ބެއިޖިންގް އިން ޝެންހާއި އަށް ދެވެނީ ފަސް ގަޑީއިރާއި ބައިގަޑިންނެވެ. "މަގްލޭވް" މަރުކާގެ ރޭލް ދަތުރުކުރަނީ ރޭލް ދަގަނޑުގެ މަތީގައި ވީލް ނުވަތަ ފުރޮޅުގެ ބަދަލުގައި މެގްނެޓިކް އެއާބޭގް އެއްގެ މަތީގައެވެ. މި ރޭލް، ފުރޮޅުގެ ބަދަލުގައި މެގްނެޓިކް އެއާބޭގް އެއްގެ މަތީގައި ދަތުރުކުރާތީ ފްރިކްޝަން ވަރަށް ބޮޑަށް ކުޑަވެގެން ދިޔުމަކީ މިރޭލްގެ ސްޕީޑް އާދަޔާ ޚިލާފަށް މަތިވެގެންދާ މައިގަނޑު ސަބަބު ކަމަށް ޑެންގް ސަންސަން ވިދާޅުވި އެވެ.

(ސައުތް ޗައިނާ މޯނިންގް)