ކުރީގެ އަރަބިއްޔާ ސްކޫލު ހުރި ބިމުގައި ހަދާފައިވާ މާލެ ގްރޭންޑް ފްލެޓް އިމާރާތުގެ ފްލެޓެއްގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިއްލޫރިގަނޑު ވެއްޓިފައި ވަނީ އެތަނުގެ ފަސް ވަނަ ފަންގިފިލާއިން މަޖީދީ މަގަށެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބުނީ، މިއަދު މެންދުރު 12:10 އެހާކަށް ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ ބިއްލޫރިގަނޑު ވެއްޓުނު ވަގުތު މަގުމަތިން ހިނގާފައި ދިޔަ 36 އަހަރުގެ އަންހެނެއްގެ ގައިގައި ޖެހި ވަނީ، އަތް މަށައިގެން ގޮސްފައިވާ ކަމަށެވެ. އެމީހާއަށް މާ ބޮޑު އަނިޔާ އެއް ނުވި ނަމަވެސް އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު އަންނަނީ ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭ ގްރޭންޑް ފުލެޓްގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް މަގު މައްޗަށް ވެއްޓިފައި: ފުލުހުން މިހާރު ވަނީ މަގު ބަންދުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން -- ސަން ފޮޓޯ

މަގު ބަންދުކޮށް ފުލުހުން އަންނަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެވެ.

މާލޭ ގްރޭންޑް ފެލެޓަކުގެ ބިއްލޫރި ދޮރުތައް ތަޅައިގެން ދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. ނަމަވެސް މަގުމައްޗަށް ބިއްލޫރިގަނޑު ތަޅައިގެން ދިޔަ މިއީ ފުރަތަމަ ފަހަރެެވެ. ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

މާލޭ ގްރޭންޑް ފުލެޓް ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަންހެނަކަށް އަނިޔާވެފައިވާ އިރު، ހަދަމުން ދިޔަ މިސްކިތަކުން މިއަދު ހެނދުނު ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް ވަނީ އަނިޔާ ވެފައެވެ.