27 May 2019, 13:06
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާނެ މެމްބަރަކާ މެދު ވޯޓު ނެގުން މިރޭ ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
މަޖިލިސް ރައީސަކަށް މީހަކު ކަނޑައަޅަން މިރޭ ދަރުބާރުގޭގައި 9:30 އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ މެމްބަރަކު ވިދާޅުވި އެވެ. މިހާރު މެމްބަރުންނަށް އެ ބައްދަލުވުމަށް ދައުވަތު ވަނީ ފޮނުއްވާފަ އެވެ.
މަޖިލިސް ރައީސަކު ކަނޑައަޅަން އެމްޑީޕީން މިރޭ ވޯޓަށް ނަގާއިރު އެއްކޮޅުން ވާދަކުރައްވާ އަސްލަމަށް ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހަސަން އަފީފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާކަން ވަނީ އިއުލާނުކުރައްވާފަ އެވެ.
މުހައްމަދު އަސްލަމް
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު
- އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު
- ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހަތަރުވަނަ ދައުރު
- ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް ބޭފުޅެއް
- ޖަޒީރާ ރާއްޖެ ކެމްޕެއިން މެނޭޖަރު
ހަސަން އަފީފް
- ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު
- 1990 އިން ފެށިގެން 2009 އަކާ ހަމައަށް މަޖިލީހުގެ ތ. އަތޮޅު މެމްބަރުކަން ކުރެއްވި
- ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި
- އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި
- ޖުޑިޝަލް ސާވިސް ކޮމިޝަނަށް 16 ވަނަ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެމްބަރު