23 Oct 2011, 14:25
ދުނިޔޭގެ ފޭލްވެފައިވާ ގައުމުތައް ކަމަށްވާ ރުވާންޑާ އާއި ޔުގަންޑާ ފަދަ ގައުމުތަކުން އެ ގައުމުތަކުގެ ދައުލަތް ފޭލްވެގެން ގޮސްފައިވާ މަންޒަރާ އެއްގޮތްކަންތައްތަކެއް މިއަދު ރާއްޖެ އިން ވެސް ފެންނަން ފަށާފައިވާ ކަމުގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅު ވެއްޖެ އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިއަދުގެ ސަރުކާރުގެ ބޭފުޅުން ޝަރުއީ ދާއިރާއާ ދެކޮޅަށް މިހާރު ކުރަމުންގެންދަވާ މަސައްކަތްތަކަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ އެއްވެސް ގައުމަކުން ފެނުނު މަންޒަރެއް ނޫން ކަމަށެވެ.
އަދި އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތައް ހަލާކުވެގެން ދިޔައީ ގާނޫނާއި ގަވާއިދު އަތްމައްޗަށް ލައިގެން މަގުމައްޗަށް ނުކުތުމުގެ ސަބަބުން ކަމަށާއި އެ މަންޒަރު މިއަދު ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާއާ ދެކޮޅަށް ސަރުކާރުން ހިންގާ އަމަލުތަކުން ފެންނަ ކަމަށާއި އަދި އެއީ ޑީއާރުޕީ އިން ވަރަށް ކަންބޮޑުވާ ކަމެއްކަމުގައި ޝަރީފް ވިދާޅުވި އެވެ.
"މިދެންނެވި ގޮތަށް ދިއުމުން މޮބް ރޫލެއް މިރާއްޖޭގައި ހިންގުމުގެ ބިރު އެބައޮތް. މިސަރުކާރު ހިންގަން ތިއްބެވި އިސްވެރިން ފަނޑިޔާރުގެއާ ދިމާ އަށް މިދަނީ ގާނުނީ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅު ނާޅުއްވާ އިސްލާހު ކުރަން ޖެހޭ ކަމެއް ފާހަގަ ނުކުރައްވައި ފަނޑިޔާރުން ގޯސްކޮށް ކުރައްވާފައި ވަނީ ކޮންކަމެއްކަން ނުބުނެ. އެބޭފުޅުން[ސަރުކާރުން] ދައުލަތުގެ މަސްއޫލިއްޔަތު އަދާނުކޮށް ރައްޔިތުން މަގުމައްޗަށް ނެރެ ހަމަނުޖެހުން އުފެއްދުމަކީ މުޅި ގައުމު ހަލާކުވެ ބައިބައިވެ ފިތުނަ ފަސާދަވެގެން ހިގައިދާނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމެއްގައި މި ސަރުކާރުން ކުރިކަންތައް ކުރި ނަމަ ވަގުތުން އެ ފަރާތްތައް ހުކުމް ކުރެވި ޖަލަށް ލައްވާނެ ކަމަށެވެ. އެހެންކަމުން ކޯޓްތަކުގެ ކަރާމަތް ނަގާލައި ޖަލްސާތަކާއި ފޯރަމްތައް ބޭއްވި ބޭއްވުން ވަރަށް ހަރުކަށި އިބާރަތުން ކުށްވެރިކުރާކަމަށާއި އެކަން ކުރާފަރާތްތަކާ ދެކޮޅަށް ޕުރޮސިކުޓާ ޖެނެރަލާއި ކޯޓްތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެކަން އެގޮތަށް ނުކުރައްވާ އެއްވެސް ފިޔަވަޅެއް ނާޅުއްވައިފި ނަމަ މިގައުމު ތަޅާފޮލުމާއި ހަމަނުޖެހުމުގެތެރެ އަށް ވެއްޓިދާނެ ކަމުގެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.