މިމަހުގެ 19ގައި ނިމުނު އިންޑިއާގެ އާއްމު އިންތިހާބަށް ފަހު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ރާއްޖެއަށް ކަމަށް ހަމަޖެހިއްޖެ އެވެ.

ޑިޕްލޮމެޓިކް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫހެއްގައިވާ ގޮތުން މޯދީ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.

މިދިޔަ ނޮވެމްބަރު މަހު މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ރައީސް ސޯލިހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ އިންޑިއާ އަށެވެ.

އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާ މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ އިރު އެއިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ އިސްވެ އޮންނަ އެލަޔަންސުންނެވެ. އަދި ރައީސް ސޯލިހު ވަނީ އެތާރީހީ ކާމިޔާބީއާ ގުޅިގެން މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު މޯދީ ބޮޑުވަޒީރު ކަމަށް އިންތިހާބުވުމަށް ފަހު ފުރަތަމަ ވަޑައިގެންނެވީ ބޫޓާންއަށެވެ.