23 Oct 2011, 14:17
ފުލުހުން ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ސާފުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫން ފުލުސް އޮފީހަށް ދެ ވަނަ ފަހަރަށް ހާޒިރުކުރަން ފޮނުވި ޗިޓް ފުލުހުން ކެންސަލްކޮށްފި އެވެ.
ޣައްސާންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިއަދު ވިދާޅުވީ ޣައްސާން މިއަދު މެންދުރު 2:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވުމަށް އިއްޔެ ފޮނުވާފައިވާ ޗިޓް މިއަދު ކެންސަލްކޮށްފައިވާ ކަން ލިޔުމަކުން ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އިތުރަށް ޣައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުވަން ބޭނުންނުވާ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ އިދާރާގެ އިސް ބޭފުޅަކު ގުޅުއްވާފައި ވިދާޅުވީ މި މައްސަލާގައި އިތުރަށް ސުވާލުކުރަން ޖެހޭ ކަމަށް ނުފެންނާތީ އެ މައްސަލަ ކެންސަލްކޮށްފައިވާ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އަށް ޣައްސާން މައުމޫން އިއްޔެ ހާޒިރުކޮށް ކުރިމަތިކުރި ސުވާލުތަކާ ބެހޭ ގޮތުން ޣައްސާން ވިދާޅުވެފައި ވަނީ ފުލުހުން އޭނާ ހާޒިރު ކުރީ އެންދެރިމާގޭ ކައިރީގައި އެމްޑީޕީން ހިންގި މުޒާހަރާއާ ގުޅިގެން ބައެއް ކަންކަން ސާފުކުރެއްވުމަށް ކަމަށެވެ.
އަދި ފުލުހުން ކުރި ބައެއް ސުވާލުތަކުން، ފުލުހުން ޣައްސާން އަށް ތުހުމަތެއް ކުރާ ކަމަށް ހީފުޅުވެގެން ފުލުހުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވައި ޣައްސާން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރައްވައިފަ އެވެ.
ޣައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ދިޔަ ވަގުތު ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްވަތްވާ ގިނަ އަދަދެއްގެ ބަޔަކު ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓު ކައިރީގަ އާއި މ. އަލިވާގޭ ކައިރީގައި އަދި އެންދެރިމާގޭ ކައިރިއަށް އެއްވެ މުޒާހަރާކޮށް، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހްޤީޤަކަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ އެވެ.