ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އެހެން މީހަކު އެހެން ދެ ކުޑަދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކޮށްފައިވަނީ ފިރިހެން ފުލުސް ސާޖަންޓަކަށް ކަމަށެވެ.

ފުލުހުން ބުނީ އެ ސާޖަންޓް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިދިޔަ އަަހަރު އޮކްޓޯބަރު މަހު ކަމަށާއި އެހެން ނަަމަވެސް އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ އޮބިގެން ނުގޮސްއުޅެނިކޮށް ހަމަ އެ ސާޖަންޓް އެހެން ކުޑަކުއްޖަކާއެކީ ބަދުއަހުލާގީ ގުޅުން ހިންގިކަމުގެެ މައްސަލަ މިއަހަރުގެ މާޗްމަހުގެ 27 ވަނަ ދުވަހު ހުށަހެޅި ކަމަށެވެ.

ފުލުހުން ބުނީ އެ ފުލުސް މީހާ މިހާރު ހުރީ ނޯޕޭ ލީވެއް ނަގައިގެން ސްރީލަންކާގައި ކަމަށެވެ.

އެ މައްސަލަ މިހާރު ޗައިލްޑް ޕްރޮޓެކްޝަން ސާވިސާސްއާއި ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްއިން ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.