ރ. ދުވާފަރުގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ދުވާފަރު ކައުންސިލް މެމްބަރު މުހައްމަދު ޖަމީލް "ސަން" އަށް މިރޭ ވިދާޅުވީ އެ ބިދޭސީ މީހާ އަކީ ގަވައިދާ ހިލާފަށް އުޅޭމީހެއްކަން އެނގުނީވެސް މިއަދު ކަމަށެވެ.

"ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަނެއްގައި އޭނާ އުޅުނީ ކައްކާ ކަންތައް ކުރަން. އެ ތަނުގެ ވެރިފަރާތުންވެސް ބުނީ ބޭރުމީހާ އުޅެނީ ގަވައިދާ ހިލާފަށް ކަމެއް ނޭނގެޔޭ. ވެރިމީހާ ބުނީ އެ މަރުވި މީހާއަކީ އެތަނުގެ އެހެން ބަނގުލަދޭޝް މީހަކު ގެނައި މީހެކޭ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެ ބިދޭސީ މީހާ މަރުވީ ދެ ދުވަސް ވަންދެން ހުންއައިސްގެން އުޅެފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއަދު ޚަބަރެއް ނުވެގެން ބެލިއިރު އޭނާ އޮތީ މަރުވެފައި ކަަމަށް ޖަމީލް ވިދާޅުވިއެވެ.

މަރުވި ބިދޭސީ މީހާ މިއަދު ވަނީ މާލެފޮނުވާލައިފައެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެރަށުގައި ވަރަށް ބޮޑު ކަމަށާއި އަދި އެފަދަ މީހުން ހޯދިޔަސް ކަައުންސިލްގެ ބަޖެޓުގައި ފައިސާ ނެތުމުން އެ މީހުން ފޮނުވާލުމުގައި އުނދަގޫވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.