23 Oct 2011, 13:09
ބެންގކޮކް (އޮކްޓޯބަރ 23) : ތައިލެންޑަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު އެޤައުމުގެ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާ ދެއްވައިފިއެވެ.
ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ޔަންގލިކް ވިދާޅުވީ މިހާރު ޤައުމަށް ކުރިމަތިވެފައިވާ ބެންބޮޑުވުމުގެ ކާރިޘާއަކީ މީގެ 50 ވަރަކަށް އަހަރުކުރިން ނޫނީ ދިމާވެފައިނުވާވަރުގެ އާދަޔާޚިލާފު ކާރިޘާއެއް ކަމަށާއި ކުރިޔަށްއޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ އިތުރަށް ގޯސްވެދާނެކަން މޫސުމާބެހޭ ލަފާކުރުންތަކުން ހާމަވާ ކަމުގައެވެ.
ޔަންގްލިކް ބެންގކޮކްގެ ރައްޔިތުންނަށް ގޮވާލެއްވީ އެރަށުގެ ވިޔަފާރި މަރުކަޒުތައް ފެނުން ސަލާމަތްކުރުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށެވެ. ވިޔަފާރި މަރުކަޒުތައް ފެނުގެ އަޑިއަށް ހިނގައްޖެނަމަ ޤައުމުގެ ހުއްޓުމަކަށްއައިސް އިޤްތިސާދު އިނދަޖެހި ތަދުމަޑުކަމުގެ މުސީބާތަކާ ޤައުމު ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެކަމަނާ ދެއްވިއެވެ.
ޔަންގްލިކް އިތުރަށް ވިދާޅުވީ ތައިލެންޑްގެ އުތުރުގެ އުސްސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ތިރި ސަރަޙައްދެއްގައިއޮތް ބެންކޮކާ ދިމާއަށް އަންނަމުންދާ ކަމަށާއި މިކަން ހުއްޓުވުމަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ތައިލެންޑް އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި އިންސާނީ ކާރިޘާއަކުން ޤައުމު ސަލާމަތް ކުރުމަށް ޓަކައި ވަގުތާ ހަނގުރާމަކޮށްގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ދުވަސްތަކެއް ވެފައިވީ ނަމަވެސް ޤުދްރަތީ ބާރުގެ ކުރިމަތީގައި އިންސާނާގެ ބަލިކަށިކަމުން މިމަސައްކަތަށް މާބޮޑު ކާމިޔާބެއް ލިބިފައިނުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ތައިލެންޑަށް ކުރަމުންގެންދާ ވިއްސާރާގައި މިހާތަނަށް 356 މީހަކު މަރުވެ އެތަށްބަޔަކު ގެއްލި 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ޤައުމަށް ލިބިފައިވެއެވެ. ތައިލެންޑްގެ ބިމުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު ވެރިރަށް ބެންގކޮކްގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައިވެސްވަނީ ދެފޫޓާއި ތިން ފޫޓުގެ މިންވަރަކަށް ފެން ބޮޑުވެފައެވެ. ބެންގކޮކްގެ އުތުރުގައިވާ ސިނާޢީ ސަރަޙައްދުގައިވެސް ފެންބޮޑުވުމުގެ ސަބަބުން އެތަށް ފެކްޓްރީއެއްވެސް ފެނުގެ އަޑީގައިވާ ކަމަށް ޚަބަރުލިބެއެވެ.
ތައިލެންޑަށް ކުރިމަތިވެފައިވާ މިކާރިޘާއާ ކުރިމަތިލުމަށް އެޤައުމުގެ ސަރުކާރާއި ރައްޔިތުން ނުކުޅެދިފައިވާއިރު އިދިކޮޅުފަރާތްތަކުންވަނީ ޤައުމުގައި ކުއްލި ޙާލަތު އިޢްލާންކުރުމަށް ބޮޑުވަޒީރާ ޔަންގްލިކް އަށް ގޮވާލާފައެވެ. ޔަންގްލިކްވަނީ ޤައުމުގެ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ އެއްބައިވަންތަވެ އެއްބަޔަކު އަނެއްބަޔަކަށް އެހިތެރިވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. (ރޮއިޓާސް+ނޫސްއެޖެންސީތައް)