26 May 2019, 20:05
ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ތެރެއިން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކާ މެދު ޓޫރިޒަމް މިނިސްޓްރީއިން ކުރަމުން އަންނަ މުއާމަލާތްތައް މަޑުޖައްސާލަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އެފަދަ ރަށްރަށުގެ އޯނަޝިޕް ބަދަލު ކުރުމާއި ދެވަނަ ފަރާތަކަށް ވިއްކާލުން ފަދަ ކަންކަން ކުރުން ވަގުތީ ގޮތުން މަދުކަނޑާލީ ކޮރަޕްޝަންސްގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ކޮމިޝަނުން އެގޮތަށް ލަފާދިނުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން އެ ރަށްތަކުގެ މުއާމަލާތްތައް މިނިސްޓްރީގެ ފަރާތުން ކުރާނީ އެ ކޮމިޝަނުން މައްސަލަ ބަލައި ވަކި ގޮތްތަކެއް އެންގުމުން އެވެ.
"މިއީ ވަރަށް މުހިންމު ނިންމުމެއް އިނގޭތޯ. އެއީ އެހެން ނޫނީ މި ރަށްތައް އެ ނެގި މީހުން އެކި މީހުންނަށް ވިއްކާ މުއާމަލާތްތައް ހިންގާ އޭގެ އަސްލު މީހުން އެންމެ ފަހުން މީގެން ބަރީއަ ވެދާނެ. އެހެން ވީމާ އޭގެ ރައްކަލަކަށް މިކަން މި ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީއިން ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާ ސިޔާސީ ފަރާތްތަކަކާއި އަމިއްލަ ކުންފުނިތަކެއް މެދުވެރިކޮށް އެމްބެޒުލްކޮށްފައިވެ އެވެ.
އަލީ ވަހީދު ވިދާޅުވީ، އެމްއެމްޕީއާރުސީ އިން 55 ތަނެއް ކުއްޔަށް ދޫކޮށްފައިވާ އިރު އެ ތަންތަނުގެ އޯނަޝިޕް ބަދަލު ކުރަން ހުށަހަޅައިފި ނަމަ، ކޮރަޕްޝަން ބަލާ ރިޔާސީ ކޮމިޝަންގެ ސަމާލުކަމަށް މިނިސްޓްރީ އިން އެކަން ގެންނާނެ އެވެ.
"އޯނަޝިޕް ބަދަލުކޮށްފި ނަމަ ތަހުގީގަށް ބޮޑެތި ހުރަސްތައް އެޅި އިންސާފު ގާއިމް ކުރަން ހުރަސް އެޅިދާނެތީ މި ފިޔަވަޅު މި އެޅީ،" މިިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، އެމްއެމްޕީއާރުސީއިން ދީފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް ރަށެއްގެ އޯނަޝިޕް މިނިސްޓަރު ކަމާ ހަވާލުވުމަށް ފަހު ބަދަލުކޮށްފައި ނުވާ ކަމަށެވެ. އަދި މިދިޔަ ހަފްތާ ސަބްލީސް ރިކުއެސްޓެއް އައި ނަމަވެސް، އެކަން މިހާރު މަޑުޖައްސާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓޫރިޒަމަށް ރަށްތައް ދޫކޮށްފައި ވަނީ އެއްވެސް ބެލުމެއް ނެތި ޕްލޭނެއް ވެސް ނެތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އަލުން ރަށްތަކެއް ދޫކުރާނީ ޕްލޭނެއް ހަދައި ވީހާ ވެސް ދެ ފުއް ފެންނަ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.