26 May 2019, 17:38
ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ލައިސެންސް ހިފަހައްޓާފައިވާ ހަ ރިސޯޓަކަށް މިއަދު އަލުން ހުއްދަ ދިން އިރު، އެ ރިސޯޓްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަަދަދު 20.05 މިލިއަން ޑޮލަރު (309.15 މިލިއަން ރުފިޔާ)އަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ހާމަކޮށްފި އެވެ.
ރިސޯޓު ހިންގުމުގެ އޮޕަރޭޓިން ލައިސެންސް ބާތިލުކޮށްފައިވާ ބައެއް ރިސޯޓުތަކަށް އަލުން ހުއްދަ ދޭން ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓްރީއިން ހާމަ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް، އޭރު އަލުން ހުއްދަ ދޭން ނިންމި ރިސޯޓުތަކުގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ މިނިސްޓްރީއިން އަލުން ހުއްދަ ދޭން ނިންމި ރިސޯޓުތަކުގެ މައުލޫމާތު ހާމަކޮށްފަ އެވެ.
އެ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ހުއްދަ ބާތިލު ކުރި ރިސޯޓުތަކެވެ. ޓޫރިޒަމް މިނިސްޓްރީއިން އެ ރިސޯޓުތަކަށް އަލުން ހުއްދަ ދިނީ އެ ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި، ޖޫރިމަނާއާ އެކު އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ޝަރުތުކޮށެވެ. އޭގެ އިތުރުން އެހެން ޝަރުތުތަކެއްވެސް އެ މިނިސްޓްރީއިން ކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީއިން ކުރި ޝަރުތުތަކުގެ ތެރޭގައި ރިސޯޓުތަކުން މުވައްޒަފުންނާ ގުޅުންހުރި ކަންތައްތައް ހަރުދަނާ ކުރުމާއި، ދިވެހި މުވައްޒަފުންގެ ރޭޝިއޯ ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމާއި، ރިސޯޓުތަކުގެ ސަލާމަތާ ބެހޭ ކަންކަން އިސްލާހު ކުރުން ހިމެނެއެވެ.
އަލުން ހުއްދަ ދޭން ނިންމި ރިސޯޓުތައް:
- ފިލިތެޔޮ އައިލެންޑް ރިސޯޓު (ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް): 8.12 މިލިއަން ޑޮލަރު ދައްކަން ޖެހޭ
- މެދުފުށި އައިލެންޑް ރިސޯޓު (މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް): 4.29 މިލިއަން ޑޮލަރު ދައްކަން ޖެހޭ
- ހޮނޑާފުށި އައިލެންޑް ރިސޯޓު (އަބްދުﷲ އަލީ): 409،575 ޑޮލަރު ދައްކަން ޖެހޭ
- ޑްރިފްޓް ތެލު ވެލިގާ ރިޓްރީޓް (ތެލުވެރިލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް): 316،165.66 ޑޮލަރު ދައްކަން ޖެހޭ
- ކިހާ މޯލްޑިވްސް (އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް): 3.09 މިލިއަން ޑޮލަރު ދައްކަން ޖެހޭ
- ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ (އިބްރާހިމް އަލީ މަނިކު): 3.89 މިލިއަން ޑޮލަރު ދައްކަން ޖެހޭ
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެ ރިސޯޓުތަކަށް އަލުން ހުއްދަ ދިނުމުގައި އޭނާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުއްދަ ބާތިލުކޮށްފައިވާ އިތުރު ރިސޯޓަކަށް އަލުން ހުއްދަ ދިނުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.