މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:00 އެހާކަންއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވިފައިވާ ބިދަބިން ބޮޑުބެރު ގްރޫޕްގެ ނެށުންތެރިތާ އެ ގްރޫޕުން ވަކިކޮށްފި އެވެ.

ބިދަބިން ގްރޫޕުން ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އެ ގްރޫޕްގެ މެމްބަރަކު ކުޑަކުދިންނާ ބެހުމުގެ އަމަލެއްގައި ޝާމިލްވެފައި ވާތީ އެކަމާ އެ ގްރޫޕުން ވަރަށް ބޮޑަށް ދެރަވެ ލަދުވެތިވާ ކަމަށެވެ.

"އެފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެހެންކަމުން އޭނާ އަޅުގަނޑުމެންގެ ގްރޫޕުން މިހާރު ވަނީ ވަކިކޮށްފައި." އެ ގްރޫޕުން ފޭސްބުކްގައި ބުނެފައިވެ އެވެ.

ކުޑަކުދިންނާ ބެހުނުކަމަށް ބުނާ މީހާ ރޭ ދަންވަރު 2:48ގައި ހުޅުމާލެ އިން ކޯޓު އަމުރެއްގެ ދަށުން ކަމަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުދިންނާ ބެހުނު މީހާ ހިފަހައްޓައި ރައްޔިތުންގެ ތެރެއިން ބަޔަކު ރޭ ވަނީ އެމީހާ ގަން ހިންގުވައިފަ އެވެ. އަދި ކުޑަކުދިންނާ ބެހުނު ކަމަށް އެމީހާ އިއުތިރާފުވާ ވީޑިއޯ އެއްވެސް ވަނީ އާންމުވެފަ އެވެ.

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބިގެން އެ ދެކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ވެސް ދީފަ އެވެ.