ޚަލީލު ސަހަރު (މޭ 26) : އިސްރާއީލާއި ފަލަސްތީނާ ދެމެދު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުން ކަމަށްވާ އޮސްލޯ އެއްބަސްވުމާ އެއްގޮތަށް އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފް ނުވާތީ ފަލަސްތީނުން އިސްރާއީލަށް އިއްތިރާފްވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނާނެ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ ވިދާޅުވީ އޮސްލޯ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރަމުން ނުދާތީ ފަލަސްތީނުންވެސް ބޭނުންވަނީ އިސްރާއީލާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލުމަށެވެ. އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ޚަލީލު ސަހަރުގައި ބޭއްވި ރޯދަ ވީއްލުމެއްގައި ވާހަކަ ދައްކަވަމުން އިޝްތިޔާ ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފް ނުޥާނަމަ ފަލަސްތީނުން އިސްރާއީލުގެ ދައުލަތަށް އިއްތިރާފްވެފައި އޮންނަ އޮތުން އެގޮތަށް ނުބޭއްވޭނެ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ފަލަސްތީނުން އިސްރާއީލުގެ ދައުލަތަށް އިއްތިރާފްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމާމެދު ވިސްނަމުންދާ ކަމަށް އިޝްތިޔާ ވިދާޅުވިއެވެ. އިސްރާއީލުންވަނީ ފަލަސްތީނުން އިއްލާންކޮށްފައިވާ މިނިވަން ދައުލަތަށް އިއްތިރާފް ވުމަށް ދެކޮޅުހަދައި ފަލަސްތީނުގެ ބިންތަކުން ފޭބުމަށްވެސް ދެކޮޅު ހަދާފައެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަން ދައުލަތަށް ދުނިޔޭގެ 193 ގައުމުގެ ތެރެއިން ސަތޭކަ ވިއްސަށްވުރެ ގިނަ ގައުމު އިއްތިރާފްވެފައިވެއެވެ.

ރޯދަ ވީއްލުމުގައި ވާހަކަ ދައްކަވަމުން އިޝްތިޔާ ވަނީ ފަލަސްތީނަށް އިގްތިދާސީ ގޮތުން އެހީތެރިވުމުގެ ނަމުގައި އެމެރިކާގެ ބެލުމުގެ ދަށުން ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާގައި ބައިވެރިނުވުމަށް ފަލަސްތީނުގެ ވިޔަފާރިވެރިން ނިންމި ނިންމި ނިންމުމަށް މަރްހަބާ ވިދާޅުވެފައެވެ. ބަހްރައިންގެ މަހާސިންތާއަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްލާން ކުރައްވާ ސުލްހައިގެ މަޝްރޫއު "ޑީލް އޮފް ދަ ސެންޗަރީ" ރަސްމީ ގޮތުން އިއްލާންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެއްކަމަށް ވެއެވެ.

އެމެރިކާ ގެންދަނީ އެ މަހާސިންތާގައި ބައިވެރިވުމަށް ފަލަސްތީނަށް ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މީގެއިތުރުން އެމެރިކާ ގެންދަނީ ސައޫދީ، ޔޫއޭއީ އަދި އުރުދުން ފަދަ އަރަބި ގައުމުތައް ބޭނުންކޮށްގެންވެސް އެ މަހާސިންތާގައި ބައިވެރިވުމަށް ފަލަސްތީނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް ފަލަސްތީނުގެ ސަރުކާރުންވަނީ އެ މަހާސިންތާގައި ބައިވެރި ނުވުމަށް ރަސްމީގޮތުން މިހާރު ނިންމާފައެވެ.

ސަބަބަކީ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދޭ އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑުބައެއް އިސްރާއީލުގެ އިސްތިއްމާރުގެ ދަށުގައި އޮންނަގޮތަށް ބައްޓަންކޮށްފައިވާ އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ލިބި ނުދޭ މަޝްރޫއެއްކަން ކަށަވަރު ވެފައިވާތީއެވެ.

މެދުއިރުމައްޗަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބު ޖިސޮން ގްރީންބްލެޓް ވަނީ ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާއަށް ހާޒިރުވުމަށް ފަލަސްތީނަށް އިލްތިމާސް ކުރައްވާފައެވެ. އޭނާވިދާޅުވީ އެއީ ފަލަސްތީނުގައި އިސްވެސްޓްކުރުމަށާއި ފަލަސްތީނުގައި ވަޒީފާގެ ފުރްސަތުތައް އިތުރުކޮށް ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށާއި އޭގައި ބައިވެރިނުވެއްޖެނަމަ ފަލަސްތީނަށް ގެއްލިގެންދަނީ ދެން ނުލިބޭ ފަދަ ފުރްސަތެއްކަމުގައެވެ.

ފަލަސްތީނުންވަނީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ލިބިގެންވާ ދައުލަތެއް މާ މުހިއްމު ކަމަށާ އިންވެސްޓްމަންޓާއި ފައިސާއަށް ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތާއި ހައްގުތައް ގުރްބާންކޮށް ނުލެވޭނެ ކަމަށް ބުނެ ގްރީންބްލެޓަށް ރައްދު ދީފައެވެ. (ނޫސްއެޖެންސީތައް)