މެދު ރާއްޖޭތެރޭ ރަށެށްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ޕޯސްޓްމޯތަމް ހެދުމަށްފަހު ވަޅުލައިފި އެވެ.

ފަނަރަ އަހަރުގެ ކުއްޖާގެ ގޭގައި އަމިއްލައަށް ވިހަން އުޅުމުގެ ތެރޭގައި ތުއްތު ދަރިފުޅު މަރުވީ މިމަހު 13 ވަނަ ދުވަހުއެވެ. ތުއްތު ދަރިފުޅުގެ މަރުވި ގޮތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ މިމަހު 16 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ތުއްތު ދަރުފުޅުގެ ޕޯސްޓްމޯޓަމް މިދިޔަ ހަފްތާ ބުދަ ދުވަހު، އިންޑިއާގެ ޓްވިންޑްރަމްގައި ހަދާފައިވާ ކަމަށެވެ. އަދި ކުއްޖާ އިއްޔެ މާލެ ގެނެސް މާލޭ އާސަހަރައިގައި ވަޅުލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އެރަށުން ވާހަކަ ދެއްކި މީހުން މީގެ ކުރިން "ސަން" އަށް ކިޔައދިން ގޮތުގައި 15 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ނުގޮސް ގޭގައި ވިހަން އެހީވީ، އަންހެން ކުއްޖާގެ މަންމަ އާއި އޭނާ ގެ ލޯބިވެރިޔާއެވެ. ވިއްސާފައިވަނީ އެގޭގެ ގިފިލީގަ އެވެ. ވިހެއުމުގެ ތެރޭގައި އެއްކުޖާ މަރުވީ ކަމެއް ނުތަވަ މަރާލީކަމެއް އަދި ސާފެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި 15 އަހަރުގެ އަންހެން ކުއްޖާގެ 20 އަހަރުގެ ލޯބިވެރިޔާ ދިރިއުޅެމުން އަންނީ އެ ކުއްޖާގެ މަންމައާ ވެސް އެކު، އެއް ގެޔެއްގަ އެވެ.

އެ ރަށު ސުކޫލު ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދާ އެކުއްޖާ ސުކޫލަށް ނުދާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި މައްސަލައިގައި ކުޑަ ކުއްޖަކު ހިމެނޭތީ ފުލުހުން މިހާނަތަށް މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.