ގަވައިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ 702 އުޅަނދުގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި 27 ވެހިކަލެއް ވަނީ ޓޯ ކޮށްފައެވެ. އެއީ ހަތް ކާރާއި 22 ސައިކަލެވެ.

މެއި 18 އިން 24 މެއި އަށް ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި 366 ވެހިކަލެއް ބަލާ ފާސްކޮށްފައިވެއެވެ. ލައިސަންސް ނެތި އުޅަނދު ދުއްވި 82 ވެހިކަލެއް ފާހަގަވެފައިވާކަމަށާއި އަތުގައި ލައިސަންސް ނެތި ދުއްވި 46 އުޅަނދެއް ފާހަގަވި ކަމަށްވެސް ތަފާސް ހިސާބުތައް ދައްކައެވެ.

މި މުއްދަތުގައި މާލޭ ސަރަހައްދުގައު 47 އެކްސިޑެންޓު ހިނގާފައިވާކަމަށް ތަފާސް ހިސާބުތައް ދައްކާއިރު މި އެކްސިޑެންޓުތަކުގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހެލްމެޓު އެޅުން މަޖުބޫރު ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި ތިން މީހެއް ފަހަގަ ކުރެވިފައިވާއިރު ދުންފަތުގެ އިސްތިއުމާލު ކުރަމުން އުޅަނދު ދުއްވި ދެ މީހަކު މި މުއްދަތުގައި ވަނީ ފާހަގަވެފައެވެ. އަދި ހެޑްފޯނު އަޅައިގެން އުޅަނދު ދުއްވި 22 މީހަކު ފާހަގަވިކަމަށާއި ގަވައިދާ ހިލާފަށް ޓެކްސީ ކުރި ފަސް މީހަކު މި މުއްދަތުގައި ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.