23 Oct 2011, 12:20
މަސްވެރިންނަށް ތެލުގެ ސަބްސިޑީސް ފައިސާ ގަނޑުކޮށް ހޯދަން ގައުމީ ޕާޓީ އަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ޓާނީޖެރަލް (އޭޖީ) އޮފީހުން ސިވިލްކޯޓުގައި އެދެފި އެވެ.
ގައުމީ ޕާޓީން ދައުވާކޮށްފައި ވަނީ މަސްވެރިންނަށް ތެލުގެ ސަބްސިޑީސް ދިނުމަށް މި އަހަރުގެ ބަޖެޓްގައި ރައްޔިތުންގެ މަޖިލީހުން ހިމެނި 100 މިލިއަން ރުފިޔާ ގަނޑުކޮށް ދޫކޮށްދިނުމުގެ އަމުރެއް ފިނޭސް މިނިސްޓްރީގެ މައްޗަށް ނެރެ ދިނުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގައުމީ ޕާޓީން ހުށަހެޅި އިޖުރާއީ ނުކުތާތަކަށް ޖަވާބުދާރީ ވަމުން އޭޖީގެ ވަކީލު ސަފާ ޝަރީފް މިއަދު ވިދާޅުވީ އެ މައްސަލާގައި ގައުމީ ޕާޓީ އަށް ދައުވާ ކުރެވޭނެ އެއްވެސް ހައިސިއްޔަތެއް ލިބިފައިވާ ކަން ޝަރީއަތަށް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.
އަދި އެ ދައުވާ އަކީ އެ ޕާޓީ އަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކޮށްދިނުމަށް އެދޭ ކަމަށް އޭޖީގެ ވަކީލު ސަފާ އެދިވަޑައިގަތެވެ.
"...ގައުމީ ޕާޓީން، އެ ޕާޓީ އަށް ދައުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ލިބިގެންވާ ކަމަށް ޝަރީއަތަށް ސާބިތުކޮށްދީފައި ނުވޭ. މި ދައުވާއަކީ ގައުމީ ޕާޓީ އަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކޮށްދިނުމަށް ދައުލަތުން އެދޭ ވާހަކަ ދަންނަވަން،" ސަފާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސަފާ ވަނީ ގައުމީ ޕާޓީން އެ ދައުވާކުރަނީ ސިޔާސީ ޕާޓީގެ ގަވާއިދުން ކޮން ހައްގެއް ގެއްލިގެން ކަމަށް ބުނެ ސުވާލު އުފައްދައިފަ އެވެ.
އޭޖީގެ ވަކީލުގެ ވާހަކަތަކަށް ޖަވާބުދާރީވުމަށް ގައުމީ ޕާޓީގެ ވަކީލު އަބްދުﷲ ސައީދަށް ފުރުސަތު ހުޅުވާލުމުން އޭނާ ވިދާޅުވީ އެ ވާހަކަތަކަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ގައުމީ ޕާޓީގެ ވަކީލަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވުމަށް ފަހު އެވެ.