14:30


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ އަކީ ވަޒީރު ބޭފުޅުންގެ ތެރެއިން އެންމެ ފުރިހަމައަށް ވަޒީރުކަން ކުރައްވަމުން ގެންދަވާ އެއް ބޭފުޅެއް ކަމަށާއި އިސްލާމްދީނަށާއި ދިވެހިބަހަށް ކުޑަވެސް އުނިކަމެއް އައުމަށް އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންނަވާނެ ކަމަށް ކުޑަކޮށްވެސް ދެކެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި, އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވީ ނަމަވެސް، އެޑިޔުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާއި، އެ މިނިސްޓްރީން ދެމުންގެންދާ ޚިދްމަތްތައް، ރައްޔިތުން ފާހަގަކުރާ ކަމުގައި ވިދާޅުވި އެވެ. އަދި މާލޭގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލާއި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލުވެސް ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ އިސްލާމްދީނަށާއި ދިވެހިބަހަށް ކުޑަވެސް އުނިކަމެއް އައުމަށް އެދިވަޑައިގަންނަވާ ބޭފުޅެއް ކަމަކަށް އެމަނިކުފާނު ކުޑަކޮށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށާއި ދިވެހިބަހާއި އިސްލާމް، ގްރޭޑް 11 އަދި 12 ގައި ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުން އެއީ ބޭނުންތެރި ކަމެއްތޯ ނުވަތަ ނޫންތޯ ބެއްލެވުމަށް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ހިންގަވަމުން ގެންދެވި މަޝްވަރާތަކެއްގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ދުށުމަކީ އިންޞާފުވެރި ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިރާއްޖޭގައި ދިވެހިން ތިބިހާ ދުވަހަކު މިރާއްޖޭން ދިވެހިބަސް ފޮހެވިގެންނުދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ހިތާބުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ނިސްބަތްކޮށް ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް އެންމެން އެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ރާއްޖެއަށް އާދަޔާ ޚިލާފު ބަދަލެއް ގެނެވިދާނެ ކަމަށާއި، ނުހަނު ގިނަގުނަ ބޮޑެތި ތަރައްޤީ ޙާޞިލުކުރެވިދާނެ ކަމަށެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެއް ބަޔަކާއި އަނެއްބަޔަކާ ޙަސަދަވެރިވެ، އަބަދުމެ އަޅުގަނޑުމެންގެ މަސައްކަތަކީ ދެރައެއް ދިނުން، ގެއްލުމެއް ދިނުން، ހުރަސްއެޅުން، ނުވަތަ ހުއްޓުވާލުން ކަމަށް ވަނީނަމަ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭ މިންވަރު ލަސްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.


މިރޭ ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ބައްލަވާލައްވަމުން، އެ މުބާރާތުން އަޅުގަނޑުމެންނަށް ލިބޭނީ ހަމައެކަނި މުނިފޫހިފިލުވުމާއި އުފާވެރިކަމެއް ނޫން ކަމަށާއި، ކިތަންމެ ފިލާވަޅަކާއި ތަޖްރިބާއެއް ވެސް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ޓީމު ތަށި ކާމިޔާބުކުރާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.