26 May 2019, 11:59
ސީޒަނުގެ އެންމެ ބޮޑު މެޗު ކަމަށްވާ ޗެމްޕިއަންސް ލީގު ފައިނަލަށް ބާކީ ހަފްތާއެއް އޮތް އިރު މެޗުގެ ޓިކެޓެއްގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފި އެވެ.
އިނގިރޭސި ދެ ޓީމު ކަމަށްވާ ލިވަޕޫލްއާއި ޓޮޓެންހަމްގެ ކުރިމަތިލުމެއް މިއަހަރުގެ ފައިނަލުގައި އޮތް އިރު އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގަ އެވެ. ނަމަވެސް އެ މެޗުގެ ޓިކެޓުގެ އަގު މިހާރު އުޅެނީ މީގެ ކުރިން ފައިނަލުގެ އަގުތަކެއް ވުރެން ތިން، ހަތަރު ގުނަ މަތީގަ އެވެ.
މީގެ ކުރިން ޗެމްޕިއަންސް ލީގު ފައިނަލުގެ ޓިކެޓެއްގެ އަގު ޖުމްލަ ގޮތެއްގައި އުޅުނީ 3000-1200 ޕައުންޑާއި ދެމެދުގެ އަގެއްގަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަ ކުރި މެޗުގައި އެންމެ އަގުހެޔޮކޮށް ޓިކެޓެއް އުޅުނީ 1350 ޕައުންޑަކަށެވެ. އަދި އެ މެޗުގައި އެވެރެޖްކޮށް ޓިކެޓެއް ލިބެން ހުރީ 2000 ޕައުންޑަށެވެ.
ނަމަވެސް އެއާ ޙިލާފަށް މި އަހަރުގެ ފައިނަލުގެ ޓިކެޓެއްގެ އަގު މީގެ ހަފްތާއެއް ކުރިން ވެސް އުޅުނީ 4،600 ޕައުންޑަށެވެ. އަދި މިވަގުތު ޓިކެޓެއްގެ އަގު އުޅެނީ 9،286 ޕައުންޑަށެވެ. މިއީ އެންމެ އަގުހެޔޮކޮށް މި ވަގުތު ޓިކެޓެއް ލިބޭ ވަރު ކަމުގައި ވިޔަސް އެވަރެޖްކޮށް ޓިކެޓެއްގެ އަގު އުޅެނީ 14،000 ޕައުންޑަށެވެ. އަދި އެންމެ އަގުބޮޑުކޮށް ލިބޭ ޓިކެޓުގެ އަގު މިހާރު އުޅެނީ 20،000 ޕައުންޑުން މަތީގަ އެވެ.
އެ މެޗު ކުޅެން ހަމަޖެހިފައިވާ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް އަކީ 67،829 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ނަމަވެސް ޔޫއެފާއިން ވަނީ ސްޕޮންސަރުންނަށާއި އެހެނިހެން ފަރާތްތަކަށް ދިނުމަށްޓަކައި 16،613 ޓިކެޓު އެ އިދާރާއަށް ނަގާފަ އެވެ. ވީމާ ދެ ކުލަބަުގެ ސަޕޯޓަރުންނަށް ބާކީ ލިބެނީ 33،226 ޓިކެޓެވެ.
ޗެމްޕިއަންސް ލީގު ފައިނަލުގެ ޓިކެޓުތަަކަށް އެހާ ބޮޑު ޑިމާންޑެއް އޮތް ނަމަވެސް މިއަހަރުގެ ޔޫރޮޕާ ލީގު ފައިނަލުގައި ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. އެ މެޗަށް ވެސް ބާކީ ހަފްތާއެއް އޮތް އިރު ޓިކެޓު ނުވިކިގެން މެޗު ކުޅޭ ދެ ކުލަބު ކަމަށްވާ ޗެލްސީއާއި އާސެނަލުން ވަނީ ގިނަ އަދަދެއްގެ ޓިކެޓު ތަކެއް އަނބުރާ ޔޫއެފާއާއި ހަވާލު ކޮށްފަ އެވެ.