23 Oct 2011, 11:47
މެސީ އަތުން ޕެނަލްޓީ ބޭކާރުވުމުން ބާސާ އަށް ލީގުގެ އެއްވަނަ މަގާމު ގެއްލި، ރޮނާލްޑޯގެ ހެޓްރިކާއި އެކު މޮޅުވި ރެއާލް މެޑްރިޑަށް ސްޕެނިޝް ލަލީގާގެ އެއްވަނަ މަގާމު ލިބިއްޖެ އެވެ.
ސެވިއްޔާ އިން ރަށުން ބޭރުގައި ޗެމްޕިއަން ބާސާ ހިފެއްހެއްޓިއިރު، މަލާގާ ކޮޅަށް ރެއާލް ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރޭގެ މެޗުގައި ގިނަ ހަމާލާތަކެއް އުފައްދި ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުނު ބާސާ އަށް މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ގެ ހުރަހަކަށް މިފަހަރުވެސް ވެގެންދިޔައީ ސެވިއްޔާ ކީޕަރު ވަރަސް އެވެ. މިމެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މަލާގާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 4-0 ލަނޑުން މޮޅުވުމަށް ފަހު، އެޓީމު ވަނީ ލީގުގެ އެއްވަނަ އަށް ޖެހިލާފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ހެޓްރިކެއް ފެނިގެންދިޔަ މިމެޗުގައި ރެއާލް އިން ކާމިޔާބު ކުރި ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު އެގާރަ ވަނަ މިނެޓުގައި ރެއާލް އަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ. މެޗުގެ 23 ވަނަ މިނެޓުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓުގައެވެ. އަދި އޭގެ ދިހަ މިނެޓް ފަހުން ރޮނާލްޑޯ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިމެޗު ނިމިގެންދިޔައީ 4-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
އަމިއްލަ ދަނޑުގައި އެސްޕާނިޔޯލް އަތުން ބަލިވުމުގެ ސަބަބުން ރޭސިންގް ސަންޓެންޑާ އަށް ވަނީ ރެލިގޭޝަން ގެ ބިރާއި ކުރިމަތިލާން ޖެހިފައެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެސްޕާނިޔޯލް އަށް ކާމިޔާބުކޮށްދިނީ ސާޖިއޯ ގާސިއާ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން އެސްޕާނިޔޯލް ކުރީގައި އޮވެގެންނެވެ.
ރެލިގޭޝަން ގެ ބިރާއި ކުރިމަތިލާފައިވާ ސްޕޯޓިންގް ގިޖޮން ވަނީ ސީޒަނުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. ރެލިގޭޝަން ގެ ބިރާއި ކުރިމަތިލާފައިވާ އަނެއް ޓީމު ކަމަށްވާ ގްރެނޭޑާ އާއި ވާދަކޮށް ސްޕޯޓިންގް ގިޖޮން މިމެޗުން މޮޅުވީ 2-0 ލަނޑުންނެވެ. ސްޕޯޓިންގް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޑޭވިޑް ބަރަލް އާއި އަންދުރޭ ކާސްޓްރޯ އެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އެއްވަނާގައި ނަވާރަ ޕޮއިންޓާއެކު އުޅެނީ ރެއާލް މެޑްރިޑެވެ. އަށާރަ ޕޮއިންޓާއެކު ދެވަނާގައި ބާސެލޯނާ އޮތްއިރު ސަތާރަ ޕޮއިންޓާއެކު ތިންވަނާގައި އޮތީ ލަވެންޓޭ އެވެ. އަދި ހަތަރު ވަނާގައި ސޯޅަ ޕޮއިންޓާއެކު އުޅެނީ ސެވިއްޔާ އެވެ.