"އިރާދަ ކުރެއްވިއްޔާ ﷲ ގެ ޙަޟްރަތުގައި އޭނާގެ އަޖުރު މަތިވެރި ވާނެ. އަޅުގަނޑު ދެ އަަބާޔާ ގަންނާނަން." ގާޒީ ވިދާޅުވިއެވެ.

"ދެ އަބާޔާގެ އަގުގެ ގޮތުގައި ސާހިބާ ތިޔަ ދެއްވީ މާ ގިނައިން." ޞަފިއްޔާ ބުންޏެވެ.

"ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި! ދަރިފުޅާ!" މުސްކުޅި މީހާގެ އަންހެން ދަރިފުޅަށް ގާޒީ ޞަފިއްޔުއްދީން ހެޔޮ ދުޢާ ކުރެއްވިއެވެ.

*****

"ހާދަ ރަނގަޅު ކުއްޖެކޭ، އެ ކުއްޖާއަކީ. ބައްޕަގެ އައު އަބާޔާގެ ފަހަތުގައި ވާހަކައެއް އޮތް ކަން އަދި ކިރިޔާ މި އެނގުނީ." ސަލްމާ ބުންޏެވެ.

"އަހަރެމެން އަބަދުވެސް މީހުންނާ މެދު ވިސްނާން ވާނީ ރަނގަޅަށް. ފަހިކޮށް. ގޯސްކޮށް ނުވަތަ ނަގިކޮށް އެހެން މީހުންނާ މެދު ވިސްނާކަށް ނުވާނެ. އަހަރެމެންނަށް ފެންނަ ފަރާތް އަނދިރިޔަސް އަނެއް ފަރާތް އަލި ވެދާނެ. އަލި ފަރާތް ނުފެންނާތީ، ހުރިހާ ފަރާތެއްގައި ވެސް އަނދިރި ކަމަށް އަހަރެމެން ހީކޮށްފި ނަމަ އެއީ ވަރަށް ބޮޑު ގޯހެއް. ހެތްކެއް ނެތި މީހުންގެ މައްޗަށް ތުހުމަތު ކޮށްގެން ނުވާނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ ބައްޕަ ތިޔަ އުޅުއްވަނީ ކުރީގައި އުޅުއްވައިފައިވާ ޞާލިޙު އަންހެން ސާހިބުންގެ ތެރެއިން ބޭކަނބަލެއްގެ ވާހަކަ އަޅުގަނޑަށް ކިޔައި ދެއްވާން ހެން." ސަލްމާ ބުންޏެވެ.

"މިއަދު ކިޔައިދޭން މި އުޅެނީ އާދައިގެ އަންހެން ސާހިބެއްގެ ވާހަކައެއް ނޫން. މިއަދުގެ ވާހަކައަކީ ހުރިހާ އިންސާނުންގެ ތެރެއިން އެންމެ މާތް އަންހެން ސާހިބާގެ ވާހަކަ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އެންމެ މަތިވެރި އަންހެން ސާހިބާއޭ ތޯ؟ އެއީ ކޮން ބޭކަނބަލެއް ތޯ؟" ސަލްމާ އެހިއެވެ.

"އެއީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ނަމޫނާ. އެއީ ﷲ އެ ކަމަނާ ޠާހިރު ކުރެއްވި މާތް ކަމަނާ. އެއީ މާތް ވެގެންވާ މަރްޔަމް އަލްޢަޛްރާ. މަރްޔަމްގެފާނު. އިސްރާއީލު ބާގައިގެ ސާލިހު ބަޔަކު އުޅުނު ގެއެއް. އެ ގޭގެ އިސް މީހަކީ ޢިމްރާނު. ޢިމްރާނުގެ އަނބިކަނބަލުންނަކީ ޙަންނާ ބިންތު ފާޤޫޛާ." ދަރިކަނބަލުންނަށް މަރްޔަމްގެފާނުގެ ވާހަކަ ކިޔައިދެއްވާން ޞަފިއްޔުއްދީން ފެށްޓެވިއެވެ.

*****

- ނުނިމޭ -