25 May 2019, 22:12
ވޮޝިންޓަން (މޭ 25) : މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދިނުމަށް އީރާނުން ރާވާފައިވާ ނުރައްކާތެރި ރޭވުންތަކެއް ހަގީގަތުގައި އެބަހުރި ކަމަށާ އެއީ ފިތްކަނޑައިގެންދާވަރުގެ ބިރުވެރި ރޭވުންތަކެއް ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވުމުގެ ތަންކޮޅެއް ކުރިން ދެއްވި ބަޔާނެއްގައި ބޯލްޓަން ވިދާޅުވީ އެމެރިކާއަށާއި އެމެރިކާގެ ބައިވެރި ގަލްފުގެ އަރަބި ގައުމުތަކަށާއި އިސްރާއީލަށް އޮތް އީޜާނުގެ ނުރައްކަލަކީ ހަގީގަތެއްކަމަށާ އީރާނުގެ ރޭވުންތަކުގެ ޖާސޫސީ މައުލޫމާތު ލިބިވަޑައިގަތުމާއެކު އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އޭނާ ސިއްސައިގެން ދިޔަކަމުގައެވެ.
ބޯލްޓަންއަކީ 2003 ވަނަ އަހަރު އެމެރިކާ އިރާގަށް އަރައިގަތުމަށް މަގުފަހިކުރުމަށްޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަން ބަޔާންކޮށް ދޮގު ރިޕޯޓެއް ނެރުމަށް އެދި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އަށް އެންގެވި ބޭފުޅެކެވެ. އިރާގު ހަނގުރާމައަށްފަހު މިކަން ފަޅާއަރުވާލާފައިވަނީ އެމެރިކާގެ މީޑިޔާއިންނެވެ.
އެމެރިކާގެ އެންމެ ހަރުކަށި އެއް ރައީސް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝް ގެ ވެރިކަމުގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހަދައިގެން އެމެރިކާ އިރާގަށް އަރައިގަތްއިރު ޖޯން ބޯލްޓަން ހުންނެވީ އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ކަމުގެ މަގާމުގައެވެ. ބޯލްޓަންއަކީ ބުޝް ނިސްބަތްވެ ވަޑައިގަންނަވާ އެމެރިކާގެ ހަރުކަށި ނިއު ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެކެވެ.
ޓްރަމްޕްގެ ވެރިކަންވެސް ހަރުކަށިކަމާ ދިމާއަށް މިސްރާބުޖަހާފައިވަނީ ބޯލްޓަންގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯލްޓަންއަކީ އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ހަރުކަށި ޒަޔަނިސްޓެއްކަމަށް ގިނަ ބަޔަކު ސިފަކުރާ ބޭފުޅެކެވެ. ދާދިފަހުން ވެނެޒުއެލާއަށް އަސްކަރީ އިންގިލާބެއް ގެނަސްގެން އެގައުމުގެ ވެރިކަން ފޮރޮޅާލުމުގެ ނާކާމިޔާބު ރޭވުމެއްވެސް ބޯލްޓަން ރޭވިކަމުގެ ޚަބަރުތައްވަނީ ފެންމަތިވެފައެވެ. އެ ރޭވުން ނާކާމިޔާބުވުމުން ޓްރަމްޕް ބޯލްޓަން ދެކެ ކޯފާވިކަމަށާ ބޯލްޓަންއަށް ނުރުހުން ފާޅުކުރައްވައި ޓްރަމްޕް ވާހަކަ ދެއްކެވި ކަމަށްވެސް ޚަބަރުތައް ބުނެއެވެ. މިއާއެކު ބައެއް މުހައްލިލުންވަނީ ކައިރި މުސްތަގްބަލެއްގައި ބޯލްޓަން މަގާމުން ދުރުކުރުމުގެ ނިންމުމެއް ޓްރަމްޕް ނިންމެވުމަކީ އެކަށީގެންޥާ ކަމެއްކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ނުރައްކާ ބޮޑުކަމަށް ބުނެ އީރާނަށް ބިރުދެއްކުމަށްޓަކައި އެމެރިކާ އިން ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ސްޓްރެޓީޖިކް މަތިންދާބޯޓުތައް ފޮނުވާފައިވާއިރު އެމެރިކާގެ ހަގީގީ ބޭނުމަކީ އީރާނުން އިސްވެ ހަމަލާދޭނެކަމުގެ ބިރު ގަލްފުގެ ގައުމުތަކަށް ދައްކައިގެން އެގައުމުތަކަށް ހަތިޔާރު ވިއްކައިގެން ފައިސާ ހޯދޭނެ ގޮތެއް ހޯދުންކަމަށް މުހައްލިލުން ދެކެއެވެ. މިކަން ކަށަވަރުވެގެން ދިޔައީ ސައޫދީ އަރަބިޔާ، ޔޫއޭއީ އަދި އުރުދުން އަށް 8.1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަން ތައްޔާރުވަމުންދާކަން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެ ހާމަކުރެއްވުމާ ގުޅިގެންނެވެ. ޕޮމްޕެއޯ ވިދާޅުވީ މި 8.1 ބިލިޔަން ޑޮލަރުގެ ހަތިޔާރަކީ އީރާނުގެ ނުރައްކަލުން ސަލާމަތް ވުމަށް އެ ތިން ގައުމަށް ވަގުތުން ވަގުތަށް ބޭނުންވާ ހަތިޔާރު ކަމަށްވާތީ ކޮންގްރެސްގެ ހުއްދައަކާނުލައި އެ ހަތިޔާރު އެގައުމުތަކަށް ވިއްކުމުގެ ކަންތައް ޓްރަމްޕްގެ ސަރުކާރުން ކުރިޔަށް ގެންދާނެކަމުގައެވެ.
ކޮންގްރެސް ގެ ހުއްދައަކާނުލައި މި 8.1 ބިލިޔަން ޑޮލަރުގެ ހަތިޔާރުތައް އެ ތިން ގައުމަށް ވިއްކަނީ ކުއްލި ހާލަތުގައި ކޮންގްރެސްގެ ހުއްދައާނުލައި ގައުމުތަކަށް ހަތިޔާރުވިއްކުމުގެ ބާރު އެމެރިކާގެ ރައީސަށް ލިބިދޭ ގާނޫނުގެ ބޭނުން ރައީސް ޓްރަމްޕް ކުރައްވައިގެން ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދިނުމަށް އީރާނުން ރާވާފައިވާ ނުރައްކާތެރި ރޭވުންތަކެއްގެ ވާހަކަ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވިދާޅުވިއިރު އެއީ ކޮންބާވަތެއްގެ ނުރައްކަލެއްކަން އޭނާ ވިދާޅެއް ނުވެއެވެ. އީރާނުގެ ދިފާއީ ވަޒީރު ވަނީ ގަލްފުގެ ބައެއް ސަރަހައްދުރަކަށް ޓެރަރިސްޓް ޖަމާއަތްތަކުގެ އެހީގައި އެމެރިކާއިން ހަމަލާތަކެއް ދިނުން ގާތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޓެރަރިސްޓުން ލައްވައި އެމެރިކާ ދީފާނެ ކަމަށް ބެލެވޭ ހަމަލާތަކުގެ ބޭނުމަކީ ގަލްފުގެ ސަރަހައްދުގައި ހަނގުރާމައިގެ އަލިފާން ރޯކުރުމާއި އީރާނަށް އަރައިގަނެވޭނެ މަގެއް ހޯދުން ކަމަށްވެސް އީރާނުގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)