25 May 2019, 20:31
ވެލި ބަރުކޮށްފައި އޮއްވައި އިއްޔެ ފެނުނު އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީ ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ޗައިނާގެ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ލ. ހިތަދޫ ކައިރިން ގަވައިދާ ހިލާފަށް ވެލި ބަރުކޮށްފައި އޮތް އުޅަނދެއްގެ މައްސަލައެއް ފުލުހުނާއި ކަސްޓަމްސް ދަނީ ބަލަމުންނެވެ. އެ އުޅަނދަކީ ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީ ކުންފުނީގެ ބޯޓެއް ކަަމަށް ޝޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
ޗައިނާގެ އެމްބަސީއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، އެ އުޅަނދަކީ، ސީސީސީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި އުޅަނދެއް ނޫން ކަމަށެވެ. އެ އުޅަނދަކީ މީގެ ކުރިން ސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓް ކަން ކުރި ކުންފުންނީގެ އުޅަނދެއް ކަމަށް އެމްބަސީން މައުލޫމަތު ދޭ ކަމަށް ފުލުހުން ބުންޏެވެ.
"އެއީ ސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓަރެއްގެ އުޅަނދެއް ކަމަށް [ޗައިނާ އެމްބަސީން މައުލޫމާތުދޭ]. ނަމަވެސް އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލައިވާ ކަމަށް އެމްބަސީން މައުލޫމާތުދޭ،" ފުލުހުން ބުންޏެވެ.
ސަބް ކޮންޓްރެކްޓް އުވާލީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން އިއްޔެ 17:10 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން، ސިފައިންނާއެކު ފުލުހުން އެ އުޅަނދަށް އަރާފައިވެއެވެ. ބައިވަރު ވެލި ބަރުކޮށްފައިވާ އެ އުޅަނދު ބަލައި ފާސް ކުރި އިރު، ބޯޓުގައި ރެޖިސްޓްރީ ނަންބަރެއް އަދި ދިދައެއްވެސް ނެތް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ޗައިނާ އެމްބަސީއާ ހަވާލާދީ އެ އުޅަނދަކީ ސީސީސީ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް އުޅަނދެއް ކަމަށް ފުލުހުން މިއަދު ބުނެފައިވީ ނަމަވެސް، އެ ބޯޓަކީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ ނަމުގައި ރާއްޖެ އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ އުޅަނދު ނިސްބަތް ވަނީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިކަމާ ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއުޅނދަކީ ކަސްޓަމްސް އިން ނަގަންޖެހޭ ހުއްދަތައް ނުނަގާ ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އުޅަނދެއް ކަމަށެވެ. އަދި ފުލުހުންނާއި ކޯސްޓްގާޑާ ގުޅިގެން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
އުޅަނދުގެ ވާހަކަ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ޓްވިޓާގައި އިއްޔެ މީހަކު ބުނެފައިވަނީ ހިތަދޫ ކައިރީ އަޅާފައިވާ މި ބޯޓުން ވެލި ބޭރުކުރަނީ ޗައިނާ-މޯލްދިވްސް ފްރެންޑްޝިޕްް ބްރިޖުގެ އެއްބަސްވުމުގެ ދަށުން ކަމަށް ބޯޓުގައި މަސައްކަތް ކުރާ މީހުން ބުނެފައިވާ ކަމަށެވެ.