23 Oct 2011, 11:48
ހދ. ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޖަމްޝީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެ ކައުންސިލްގެ ނައިބް ރައީސް ފާރޫގު މުހައްމަދު މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން ޖަމްޝަދު އިސްތިއުފާ ދެއްވާފައިވާ ކަން ބަޔާންކޮށް މިއަދު ހެނދުނު އެކޮމިޝަނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީގައި އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ބަލިހާލަތު ހުރި ގޮތުން މިވަގުތު ކައުންސިލްގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވެން ނެތް ކަމަށެވެ.
"އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ބަލިހާލަތު ހުރި ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި ކައުންސިލްގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ ކަމަށް އަމިއްލައަށް ގަބޫލު ނުކުރައްވާތީ ކަމަށް ސިޓީގައިވޭ،" ފާރޫގު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް ޖަމްސަދު ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތް މެންބަރުންނެވެ.