25 May 2019, 11:53
އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމީޑިއަން ކަޕިލް ޝަރްމާ ބައްޕަ އަކަށް ވާން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.
ކަޕިލް ވަނީ މީގެ ފަސް މަސް ކުރިން އޭނާގެ ލޯބިވެރިޔާ ގިނީ ޗަތުރަތު ކައިވެނިކޮށްފަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި މިހާރު ދެމަފިރިން އަންނަނީ ދަރިފުޅަށް މަރުހަބާ ކިޔުމަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. ދާދި ފަހުން ކަޕިލްގެ މަންމަ ވަނީ މުމްބާއީ އަށް ވެސް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެއީ ކަޕިލްގެ އަންހެނުން ބަނޑުބޮޑުކަމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކަޕިލް ބައްޕަ އަކަށްވާން އުޅޭކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ހާމަކުރުމާ އެކު ގިނަ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަޕިލް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެދެމީހުންގެ ކައިވެނި ކުރެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީފަހުންނެވެ. ކަޕިލް އާއި ގިނީ ރަސްމީކޮށް އެންގޭޖްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.