23 Oct 2011, 11:42
ޑިމޮކްރަސީގައި އިންތިހާބުތައް ބޭއްވުމާއި ހިންގުމުގެ ދާއިރާގައި ފެސިލިޓޭޓަރުން ]އިސްނަގައިގެން މަސައްކަތް ކުރާ މީހުން[ ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި "ބިލްޑިން ރިސޯސަސް އިން ޑިމޮކްރަސީ، އިލެކްޝަންސް އެންޑް ގަވާނެންސް( ބްރިޖް)، ދަ ފެސިލިޓޭޓާ" ނަމުގައި ބަނޑޮސް އައިލެންޑް ރިޒޯޓްގައި ހުކުރު ދުވަހު ފެށި ޕްރޮގްރާމް އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަނުން ބުނީ އެ ޕްރޮގްރާމްގެ ބޭނުމަކީ ޑިމޮކްރަސީ އާއި އިންތިހާބުތައް އަދި ގަވާނެންސްގެ ދާއިރާ އިން މީހުން ތަމްރީން ކުރާ މީހުންގެ ގޮތުގައި މިޕްރޮގްމާމްގެ ބައިވެރިން ސެމީ އެކްރިޑިޓް ކުރުން ކަމަށެވެ. އަދި އެއަށް ފަހު މިޕްރޮގްރާމްގެ ބައިވެރިން އަމިއްލަ އަށް މިފަދަ އެހެން ޕްރޮގްރާމެއް ހިންގުމުން އެމީހުން ފެސިލިޓޭރުންގެ ގޮތުގައި ފުރިހަމަ އަށް އެކްރިޑިޓް ކުރެވޭނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންސްގެ މުވައްޒަފުންނާއި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ މެމްބަރުން އަދި އަމިއްލަ ފަރާތްތައް ހިމެނޭ ގޮތުން 12 ފަރާތަކުން ބައިވެރިވާ ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
އެޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ބްރިޖް ކޮންސަލްޓެންޓެއް ކަމަށްވާ ސީބޮންގީލޭ ޒެމަރީމޯ ކަމަށާއި ކޯ ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އާއި ޑިރެކްޓަރު ޝެރީނާ ޢަބްދުއްޞަމަދު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.