25 May 2019, 00:23
މެދުއިރުމަތީގެ ކެއުންތަކަށް ހާއްސަކޮށްގެން މާލޭގައި ހިންގާ ޘޫމް ރެސްޓޯރެންޓުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކިހިނެއް ކޮން ތަނެއްގައި ކަމާމެދު ހިލާފު އުފެދިއްޖެއެވެ.
މިރޭ 10:20 ހާއިރު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އެ ރެސްޓޯރެންޓުގެ ބަދިގޭގައި ހުރި ޑަސްބިނެއްގައި ކަމަށެވެ. ޑަސްބިން ހުރީ ގޭސްފުޅި ކައިރީ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ މިރޭ 22:20 ހާއިރު ޘޫމް ރެސްޓޯރަންޓުގެ ބަދިގޭގައި ބޭނުންކުރަމުންދިޔަ ނުވަ ގޭސް ސިލިންޑަރުގެ ތެރެއިން އެއް ފުޅީގައި އަލިފާން ހިފައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަލިފާން ރޯވި ގޭސްފުޅި -- ފޮޓޯ: ޕޮލިސް
އެ މައުލޫމާތު ލިބުނުތާ ދެ މިނެޓު ތެރޭ ގަލޮޅު ޕޮލިސްޓޭޝަނުގައި ހުރި އަލިފާން ނިއްވާ ފުޅިތައް ހިފައިގެން ސީން އަށް ގޮސް ގޭސްފުޅި ގޮވުމުގެ ކުރިން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެތަނުގައި ހުރި އިތުރ ގޭސްފުޅިތައްވެސް ފުލުހުން ބޭރަށް ނެރެފައިވާ ކަމަށާއި ރެސްޓޯރެންޓުގެ ބަދިގޭގައި ބޭނުން ކުރަމުންދިޔަ އިތުރު މެޝިނަރީސްތަކަށްވެސް މި ހާދިސާގެ ސަބަބުން ގެއްލުން ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ޘޫމްގެ ބަދިގޭގައި އަލިފާން ރޯވެފައި-- ފޮޓޯ: ޕޮލިސް
ރޯވި އަލިފާން ނިއްވާލެވުނީ 22:25 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ. އަލިފާންގަނޑު ނިއްވުމަށް ގަލޮޅު ޕޮލިސްގެ އަލިފާން ނިއްވާ ދެ ފުޅީގެ އިތުުރުން ތޫމް ރެސްޓޯރެންޓުން ތިން ފުޅި އާއި އެ ސަރަހައްދުގައި ހުންނަ ޗައިނާ ގާޑެން ރެސްޓޯރެންޓުން އަލިފާން ނިއްވުމަށް ބޭނުން ކުރާ ދެ ފުޅި ބޭނުންކުރި ކަމަށް ފުލުހުން ބުންޏެވެ.

ޘޫމްގެ ބަދިގޭގައި އަލިފާން ރޯވެފައި-- ފޮޓޯ: ޕޮލިސް
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.