ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު، އަދި ސައޫދީ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އައްސައުދު އަވަހާރަވުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އައްސައުދަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސައޫދީ ރަސްގެފާނަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، އެ ޤައުމުގެ ވަލީ އަހުދު އަވަހާރަވި ހަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގަޔާއި މިނިސްޓާ އޮފް ޑިފެންސް އެންޑް އޭވިއޭޝަންގެ މަގާމުގައި ޕްރިންސް ސުލްތާން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފުހެވިގެން ނުދާނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ މެސެޖްގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައޫދީ ރަސްގެފާނަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.