ރަމަޟާން މަހުގެ ހުރިހާ ދުވަސްތަކަކާއި ރޭތަކަކީވެސް އަޅުކަމާއި ހެޔޮކަމުގެ ދުވަސްތަކަކާއި ރޭތަކަކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތަކުގައި މިސްކިތުގެ ޖަމާއަތަށް ދިއުމާއި ތަރާވީހު ނަމާދަށް ދިއުމުގައި ބެހެއްޓި ފޯރި، ރަމަޟާން މަސް ނިމެގެން ދިޔަ ދިޔަހެން މި ފެންނަނީ އެ ފޯރިވެސް ކެޑިގެން ނެތެމުން ދާތަނެވެ.

ކީރިތި ރަސޫލާصلى الله عليه وسلمއަކީ އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް ހެޔޮ ކަމުގައި މަޝްޣޫލުވެލައްވައެވެ. އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ކުރެއްވުމުގައި ހުންނަވާކަމަށް ރިވާވެގެންވެއެވެ. ނަމަވެސް ކީރިތި ރަސޫލާصلى الله عليه وسلمހެޔޮކަމުގައި އެންމެ ހީވާގިވެލައްވާ މައްސަރަކީ ރަމަޟާން މަހެވެ. އެކަލޭގެފާނު އެންމެ ބޮޑަށް އަޅުކަމުގައި ހީވާގިވެލައްވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައެވެ.

ފަހު ދިހައެއްގައި ހެޔޮ އަމަލު ކުރުމުގައި ކުރެވިދާނޭ ބައެއް ކަންކަމަށް ބައިލަލަމާތޯއެވެ.

އަޅުކަންކުރުމުގައި އިހުނަށްވުރެ ގަދައަޅައި މަސައްކަތްކުރުން

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲصلى الله عليه وسلمއެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރައްވާ ވަރަށް، ރަމަޟާން މަހުގެ ފަހުދިހައެއްގައި އަޅުކަމުގައި ހީވާގިވެލައްވައެވެ.

އެކަމަނާ ވިދާޅުވެފައިވެއެވެ. "كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ." متفق عليهމާނައީ: "ރަސޫލު ﷲصلى الله عليه وسلمރަމަޟާންމަހުގެ ފަހުދިހައެއް އައުމުން އެރޭތައް އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ނިދީން ހޭލައްވަވައި ނަންގަވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްޣޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ."

މިބަސްފުޅުގައިވާجَدَّގެ މާނައަކީ ހެޔޮކަމުގައި ގަދައަޅުވައި މަސައްކަތްޕުޅު ކުރެއްވުމެވެ. އެއީ ކަންނެތްކަމާއި ފޫހިވުން ފިލުވައިލާ ހެޔޮކަމުގައި ތިމާއަށް ކުޅަދާނަވީ މިންވަރަކުން ދެމިހުރުމެވެ. އަދި ފަހުދިހައިގެ ރޭތައް އިޙްޔާކުރައްވައޭ އޮތް ބަހުގެ މާނައަކީ އެހެން ރޭރެއާ ޚިލާފަށް ރޭގަނޑުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރައްވައެވެ. ކަމަރު ބަދެލައްވައޭ ހަދީޘްފުޅުގައި އޮތް ބަހުގެ މާނައަކީ އަނބިއަނބިކަނބަލުނާ އެއްދާންކުރެއްވުމުން އެކަހެރިވެވަޑައިގެން، ފަހުދިހައެއްގެ ރޭތަކުގައި ގަދައަޅުއްވައި އަޅުކަމާއިގެން މަޝްޣޫލުވެ ވަޑައިގެންނެވުމެވެ.

އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ ކޮންކަމެއްގައި ހެއްޔެވެ؟ ނަމާދު ކުރުމުގައި ހީވާގިވެ، ރަމަޟާން މަހުގެ ކުރީކޮޅުގައި ނަމާދުތަކަށް ބެހެއްޓި ފަރުވާތެރިކަމަށްވުރެ ވެސް އިތުރަށް ގަދައަޅައި ޖަމާއަތުގައި ނާމާދުކުރުމުގައި ދެމިހުރުމަށް މަސައްކަތް ކުރަންވީއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގައި ގަދައަޅައި މަސައްކަތް ކުރެވޭތޯ ބަލާށެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެއެވެ. އެ ޤުރްއާން ބާވައިލެއްވުނީ ފަހުދިހައިގެ އޮނަހިރި ރޭއެއްގައެވެ. ޤުރްއާން ބާވައިލެއްވުނު ރެއަށް ދެއްވާފައިވާ މާތްކަމާއި މަތިވެރިކަން ހިތް މައްޗަށް ގެނެސްގަނެ، އެދުވަސްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ހިތްވަރު ލިބިގަންނާށެވެ.

ކީރިތި ރަސޫލާصلى الله عليه وسلمރޭއަޅުކަމުގައި ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރައްވައެވެ. ޙުޛައިފާرضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންނާ، މާތް ނަބިއްޔާصلى الله عليه وسلمގެ ފަހަތްޕުޅުގައި އެއް ރެޔަކު ދަމުނަމާދު ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނު ބަޤަރާ ސޫރަތް ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. ފަހެ، ތިމަންގެ ހިތަށް އެރިއެވެ. ސަތޭކަ އާޔަތް ކިޔަވާވިދާޅުވެފައި، އެކަލޭގެފާނު ރުކޫޢު ކުރައްވައިފާނެއެވެ. ފަހެ، އެކަލޭގެފާނު (ސަތޭކަ އާޔަތް ހަމަވުމުންވެސް) ކުރިއަށް ވަޑައިގަތެވެ. ތިމަން ހިތަށްއެރިއެވެ. އެކަލޭގެފާނު މުޅި ނަމާދުގެ ދެރަކުޢަތް އެ ސޫރަތުން ފުރިހަމަކުރައްވައިފާނެއެވެ. ފަހެ، އެކަލޭގެފާނު ކުރިޔަށްވަޑައިގަތެވެ. ތިމަންގެ ހިތަށް އެރިއެވެ. އެކަލޭގެފާނު އެ ސޫރަތް ނިންމަވާފައި ފުރަތަމަ ރުކޫޢަށް ވަޑައިގެންފާނެއެވެ. އެއަށްފަހު، އެ ސޫރަތް ނިންމަވައި، އައްނިސާ ސޫރަތް ކިވާވިދާޅުވާން ފެށްޓެވިއެވެ. ފަހެ، އެސޫރަތް ނިންމަވައި، އާލުޢިމްރާނު ސޫރަތް ކިވާވިދާޅުވާން ފެއްޓެވިއެވެ. އެސޫރަތް އެކުގައި ކިޔަވައިވިދާޅުވިއެވެ. އެކަލޭގެފާނު ކިޔަވައި ވިދާޅުވަނީ، އަކުރުތަކުގެ މަޚުރަޖުން އޭޣެ ޙައްޤު އަދާކުރައްވަމުންނެވެ. އެ އާޔަތެއްގައި ތަސްބީހައިގެ ޢިބާރާތެއް ހިމެނޭނަމަ ކިޔަވައި ވިދާޅުވާ ހިނދު، ތަސްބީހަ ވިދާޅުވެއެވެ. ﷲގެ ހަޟުރަތުން ކަމަކަށް އެދި ދެންނެވުން ހިމެނޭ އާޔަތެއް ކިޔަވާވިދާޅުވާހިނދު، އެކަލާނގެ ހަޟުރަތަށް ދުއާ ދަންނަވައެވެ. އެކަލާނގެ ރައްކައުތެރިކަން އެދުމަށް އަންގަވައިފައިވާ އާޔަތެއް ކިޔަވާ ވިދާޅުވާ ހިނދު ރައްކައުތެރިކަމަށް އެދިވަޑައިގަނެއެވެ. އެއަށްފަހު، އެކަލޭގެފާނު ރުކޫއު ކުރެއްވިއެވެ." (މި ޙަދީޘް ރިވާކުރެއްވީ އިމާމު މުސްލިމްއެވެ.)

ފަހުދިހައެއްގެ ރޭތަށް އިހްޔާކުރުން

އިސްވެ ބަޔާންކުރެވުނު ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ބަސްފުޅުން ދޭހަވާ ގޮތުގައި ރަސޫލު ﷲصلى الله عليه وسلمރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތައް އިޙްޔާ ކުރައްވައެވެ. އެބަސްފުޅުގައިވަނީ މިފަދައިންނެވެ.أَحْيَااللَّيْلَ"ރޭ އިހްޔާ" ކުރައްވައެވެ. މިބަސްފުޅުގެ މުރާދުގައި އިބްނު ޙަޖަރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "އެރޭތަކުގައި އަޅުކަން ކުރެއްވުމަށް ހޭލާ ހުންނަވައެވެ." އެބަހުގެ މުރާދަކީ އެ ރޭތަކުގައި ނަމާދު ކުރެއްވުމަށާއި ރޭ އަޅުކަން ކުރެއްވުމުގައިއާއި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ރޭގަނޑުގެ ވަގުތައް އެކުގައި ހޭދަކުރެއްވުން ކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ.

ފަހު ދިހައިގައި މާތް ﷲ ޒިކުރު ކުރުން މަތީގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ދުއާކުރުން ގިނަކުރަށްވާށެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ ހޯދެއްވުމަށް މަސައްކަތް ކުރުން

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިންކަން ބޮޑުވެގެންވެއެވެ. އެ ރެޔަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާصلى الله عليه وسلمއަށް މާތްﷲ ބަޔާންކޮށްދެއްވުމަށް ފަހު، އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ.

މިކަމަކީ އުންމަތަށް ހުރި ރަހުމަތެއް ކަމުގައި އުލްމުވެރިން ދެކެލައްވައެވެ. އެހެނީ ސަލާމާއި ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހިދާޔަތަކީ ލައިލަތުލްޤަދުރި ވިލޭރޭގެ މާތްކަމަށް އެދޭމީހާ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ހުރިހާ ރޭތަކެއްގައި އަޅުކަން ކުރުމެވެ. ކީރިތި ރަސޫލާصلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ. "تَحَرَّوا لَيْلَةَ القَدْرِ في العَشْرِ الأوَاخِرِ مِنْ رَمَضانَ". متفقٌ عَلَيْهِ.މާނައީ: "ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަން ލިބޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ."

އަނބިދަރީން ރޭއަޅުކަމަށް ހޭލެއްވުން

ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިންނަށް ގޮވައި ހޭލައްވައެވެ. ނަމާދުކޮށް އަޅުކަން ކުރުމަށް އަހުލުވެރިންނަށް ބާރުއަޅުއްވައެވެ. އެކަލޭގެފާނުގެ ހިދާޔަތުގައި ސާބިތުވާން އެދޭ މީހަކު، އެމީހެއްގެ އަނބިދަރިންނަށް ހާއްސަކަމެއް ދީ، އެމީހުންނަށް ނަމާދުކޮށް އަޅުކަން ކުރުމަށް ބާރުއެޅުން މުހިންމެވެ.

އިއުތިކާފުގެ އަޅުކަން

ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ.أَنَّالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَكَانَيَعْتَكِفُالْعَشْرَالْأَوَاخِرَمِنْرَمَضَانَحَتَّىتَوَفَّاهُاللَّهُثُمَّاعْتَكَفَأَزْوَاجُهُمِنْبَعْدِهِرواهالبخاريومسلم

މާނައި: ނަބިއްޔާصلى الله عليه وسلمދުނިޔެ ދޫކުރެއްވުމަށް ދާންދެން ކޮންމެ ރަމަޟާންމަހުގެ ފަހުދިހައެއްގައި އިއުތިކާފަށް އިންނަވައެވެ. އެކަލޭގެފާނަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަބަލުންވެސް އެއަޅުކަމުގައި ދެމިތިއްބެވިއެވެ.

ހެޔޮކަމުގެ ދޮރުތައް ވަރަށްވެސް ގިނައެވެ. އެންއިން ކޮންމެ މަގެއް ޚިޔާރުކުރިކަމުގައި ވީ ނަމަވެސް މައްސަލައެއް ނެތެވެ. މުހިންމުކަން ދޭންވީ ފަހު ދިހައެއްގެ ހުރިހާ ވަގުތުތަކެއްގައި އަޅުކަމުގައި ދެމިހުރުމަށެވެ. މިފަދަ މަތިވެރި ރޭތަކެއްގެ ދަރުމަޔާއި ސަވާބު އެދިގެން މަސައްކަތް ކުރެއްވުމަށް ވަސިއްޔަތް ކުރަމެވެ.