ރާއްޖޭގެ ޝަރުއީ ދާއިރާގެ އަގުވައްޓާލައި އިތުބާރު ގެއްލުވާލުމަށް "އެމްޑީޕީ ސަރުކާރުން އިސްވެތިބެ ހިންގާ ޖަރީމާތަކުގެ މަގްސަދަކީ އިސްލާމީ ޝަރީޢަތުގެ ބާރުކަނޑުވާލައި ކޮމަން ލޯ ރާއްޖެ އަށް ތަޢާރަފްކޮށް، ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތެރެ އަށް ވެއްދުން ކަމަށް ބެލެވޭ" ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ފަނޑިޔާރުންނާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ރާއްޖޭގެ ޝަރުއީ ދާއިރާގެ ބާރު ކަނޑުވާލަން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ “މޮޔައިން” ކަމުގައި ޕޯޑިއަމްތަކުގައި ގޮވުން ފަދަ ކަންތައްތަކަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ފެންނަ އަދި ތަޙައްމަލު ކުރާ ޒާތުގެ ކަންތައްތަކެއް ނޫން ކަމަށެވެ.

"...އެމްޑީޕީގެ އެފަދަ ޖަރީމާތަކުން ދައްކައި ދެނީ ސަރުކާރު ހިންގަން ތިބި މީހުން ދެކެނީ ތިމާމެންނަކީ ގާނޫނަށް ވުރެ މާމަތީގައި ތިބި ބައެއްކަމެވެ. އަދި މިއީ ޢާންމުކޮށް އެމްޑީޕީގެ ފިކުރާއި ދެކޮޅު ދިވެހި އެންމެހައި ރައްޔަތުންނަށް އެމްޑީޕީ އިން ދިން ނުރައްކާތެރި އިންޒާރެކެވެ. މިކަންތަކުން ދެވުނު މެސެޖަކީ މި ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށް ޓަކައި ގާނޫނުތަކާއި ގަވާޢިދުތައް މުގުރާލުމަށް އެއްވެސް މިންވަރަކަށް ފަސް ނުޖެހޭނޭ ކަމެވެ. މިއީ އެމްޑީޕީން މި ގައުމުގައި ކުރަހަން ބޭނުންވާ ބޮޑުމަންޒަރުގެ ތަސައްވުރެއް،" އަދާލަތުގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މުދަލާއި ގޯތި ގެދޮރު ހިމާޔަތް ކުރުމަށް ފުލުހުން ދޭން ޖެހޭ އެއްބާރުލުން ދީފައިނުވާ ކަމަށާއި އެއްވުން މަނާ ސަރަހައްދެއްގައި އެއްވެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލައި ރައީސް މައުމޫނުގެ ގެ ކޮޅަށް ގެއްލުންދީ މާރާމާރީތައް ހިންގި އިރު ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ވެސް ސިޔާސީ ނުފޫޒުން ކަސްތޮޅު އެޅުވިފައިވާ ކަމަށް ކޮށް އެބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އަދާލަތުން ރޭ ނެރުނު ބަޔާނުގައި އެމްޑީޕީގެ އިސްސަފުގައި ޙަރަކާތްތެރިވާ މީހުންނާއި އަދި އެކްޓިވިސްޓުންގެ އެފަދަ ޢަމަލުތަކަކީ އެމްޑީޕީގެ ޢާންމު މެމްބަރުން ލަދުވެތި ވާން ޖެހޭ ފަދަ ހަޑި ހުތުރު، ނާ ތަހުޒީބު އަދި ދަށްފެންވަރުގެ ޢަމަލްތަކެއް ކަމަށް ބަޔާން ކޮށްފައިވެ އެވެ.

"...ހެޔޮ ނިޔަތުގައި އެމޑީޕީ އާ ގުޅިވަޑައިގެންފައި ތިއްބެވި އެތައް ހާސް ލޮބުވެތި ދިވެހި ރައްޔަތުންނަށް މިއަދު މިވަނީ އެ ބޭފުޅުންގެ ޕާޓީގެ ވެރިކަމުގައި ދިވެހި ރާއްޖެ މިގެންދާ، އެއްވެސް ހަމައެއް ލަމައެއް ނެތް، ގާނޫނުގެ ބާރު މުގުރާލެވިފައިވާ، ޚުދުމުޚުތާރު، ލާދީނީ، ކޮރަޕްޓް އަނެއް ދިވެހިރާއްޖެ އާއިމެދު ވަރަށް ފުންކޮށް ވިސްނުން މަޖުބޫރު ވެފައި،" އެބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަދަލުކޮށް ގައުމު ސަލާމަތްކޮށް ޙަގީގީ ހެޔޮ ހެޔޮވެރިކަމެއް ރާއްޖެ އަށް ގެނައުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައި ނަސޭޙަތްތެރިވާ ކަމަށް އަދާލަތުގެ އެބަޔާނުގައި ބުނެފައިވެ އެވެ.