24 May 2019, 11:15
މާލޭ އިރުމަތީ ފަރާތު ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްއޮތް މަހެއްތެރޭ ނިންމާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލްގެ ޑެޕިޔުޓީ މެޔަރު ޝަމާއު ޝަރީފް "ސަން" އަށް ވިދާޅުވީ ރަމަޟާން މަހަށް އެ ސަރަހައްދު އާންމުންނަށް ހުޅުވާލަން ނިންމި ނަމަވެސް މަސައްކަތް ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވެ މަސައްކަތުގެ ސްޕީޑު ލަސްވެފައިވާ ކަމަށެވެ.
"ލޮނުޒިޔާރަތްކޮޅު މަސައްކަތް ކުރަމުންދަނިކޮށް ދިމާވި ބައެއް ދަތިތަކާހުރެ ބޭނުންވި ހަލުވިމިނުގައި އެ މަސައްކަތް ކުރިއަކަށް ނުގެންދެވުނު. އެ ސަރަހައްދުގައި ހުރި އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އިން އަންނަ ފެންހޮޅީގެ މަސައްކަތާއި ސްޓެލްކޯ ޓްރާންސްފޮމަރެއްގެ މަސައްކަތް ހުރުމުން ލޮނުޒިޔާރަތްކޮޅުގެ މަސައްކަތް މަޑުޖެހުނު،" ޝަމާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕާތްވޭ ތަކާއި ބައިސްކަލް ލޭނުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ލޭންޑް ސްކޭޕިންގެ މަސައްކަތް ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.
"އެހާ ބޮޑު ސަރަހައްދަކަށް ކަޅުފަސް ލިބުންވެސް ފަސޭހައެއް ނޫން. ނަމަވެސް ގިނަ އަދަކަށް ކަޅުފަސް އެޅި، ލޭންޑް ސްކޭޕިންގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ރުއްގަސް ހޯދުމުގައި ބައެއް ދަތިތައް އެބަހުރި. ނަމަވެސް ނާސަރީގައި ހައްދައިގެން ގެނެސް ގަހާއި ވިނަ އިންދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ،" ޝަމާއު ވިދާލުވީ ރޯދަމަހު މަސައްކަތުގެ ޝެޑިއުލަށް ބަދަލު އައުމުން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް ކުރިއަށް އޮތް މަހެއް ތެރޭ އެ ސަރަހައްދުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ލޮނުޒިޔާރަތްކޮޅު ތަރަތައްގީ ކުރަނީ ހިތްފަސޭހަ ކަމާއެކު އާންމުންނަށް ތިބެވޭނެ ޕާކެއްގެ ގޮތުގައެވެ.
ރޯދަ މަހުގެ ކުރިން ސަން އާ ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރުުމުގެ ޕްލޭން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން ވަރަށް އަވަހަށް އާންމުންނަށް ހިއްސާ ކުރައްވާނެ ކަމަށެވެ. މުޅި ޕްލޭނާއެއްގޮތަށް ރޯދަ އަށް މަސައްކަތް ނިންމާ ނުލެވުނު ނަމަވެސް އާންމުނަށް އިށީނދެ ތިބެވޭނެހެން ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި އެތަން ރޯދައަށް ހުޅުވާލާނެ ކަމަށްވެސް އޭރު ވިދާޅުވިއެވެ.
ސިނަމާލެ އާންމުކޮށް ފިނިވައި ޖައްސާލުމަށާއި ހިތްހަމަ ޖައްސައިލުމަށް މީހުން ގޮސް އުޅޭ ސަރަހައްދެކެވެ.