މާލެ އަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށް ގުރައިދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަހުމަދު މިއަދު ވިދާޅުވީ މިއަދު ހެނދުނު ކައުންސިލް އިދާރާ ހުޅުވި އިރު އިދާރާ އަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި އެކަންކުރީ ކޮންބަޔެއް ކަން އެނގިފައި ނުވާ ކަމަށެވެ.
"މިއަދު ހެނދުނު އަޅުގަނޑުމެން ކައުންސިލް އިދާރާ ހުޅުވި އިރު ހުރީ ކަޅުތެޔޮ ޖަހާފައި. މިހާރު ކައުންސިލުން ވާނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައި،" ލަތީފް ވިދާޅުވި އެވެ.

ގުރައިދޫ ޕޮލިސް ސްޓޭޝަނުން މިއަދު ބުނީ އެ މައްސަލަ އެތަނަށް ހުށަހަޅާފައިވާ ކަމަށާއި
ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ގުރައިދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.

ގުރައިދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެކަންކުރީ އެ ރަށުގެ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ކަމަށާއި އެމްޑީޕީ މީހުން އެފަދަ އަމަލުތައް ދޭތެރެދޭތެރެ އިން ކުރަމުން ގެންދާ ކަމަށެވެ.

"އެކަން ކުރީ މިރަށު އެމްޑީޕީ ބަޔަކު. އެފަދަ އަމަލުތައް އެމީހުން ދޭތެރެދޭތެރެ އިން ހިންގާ. އެއީ އެމީހުންނަށް ކައުންސިލް އިންތިހާބުގައި ނާކާމިޔާބުވުމުން ބަދަލުހިފުމުގެ ގޮތުން ކުރާ ކަމެއްހެން އަޅުގަނޑަށް ހީވަނީ،" އެމީހާ ބުންޏެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެމްޑީޕީން އެއްވެސްކަމެއް ކުރާނީ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި އެއީ ބަޔަކު އެމްޑީޕީގެ ބޮލުގައި ބަދުނާމު އެޅުމުގެ ގޮތުން ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.