24 May 2019, 11:23
އައްޑޫ އަތޮޅުގެ ދެކުނުން އޮންނަ ފޯޅަވަހި ނުވަތަ ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން މޮރަޝިސްއާ ދެކޮޅަށް ވޯޓު ދީފައިވާތީ، ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމް އިން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހަގެ ރޭ އދ ގެ އާންމު މަޖިލީހުގައި ވޯޓު ނެގީ ޗާގޯސް ޖަޒީރާ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އޮތުމާ ގުޅޭގޮތުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ދިން އިސްތިޝާރީ ލަފާ ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އދ އިން ބަލައިގަތުމާ ބެހޭގޮތުންނެވެ. ރާއްޖެއިން ވޯޓު ދީފައިވަނީ ޔޫކޭއާ އެއްކޮޅަށެވެ. ޔުކޭ އާ އެއްކޮޅަށް ވޯޓު ދިނީ އެންމެ ފަސް ގައުމަކުންނެވެ. މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނީ، 113 ގައުމަކުންނެވެ.
ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދީފައިވާތީ، އެކަން ކުއްވެރިކޮށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ.
ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ފޮރިން މިނިސްޓްރީން އެގޮތަށް ބުނި ނަމަވެސް، އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި ސަރުކާރުން މި މައްސަލައިގެ ހަގީގަތް އޮޅުވާލައިފައިވާ ކަމަށެވެ.
"މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިނުލައްވައި، ސާފުކޮށްދެއްވައި، މިކަމުގައި އަމަލުކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް،" ގޮވާލާ ކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އދ. ގެ އެތައް ސަތޭކަ ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމުން ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުމަކީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއްގެ ގޮތުގައި ޕީޕީއެމުން ސިފަކުރި އެވެ.
ފޯޅަވަހި މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުން ޕީޕީއެމް އިން އެކަން ކުއްވެރި ކޮށްފައިވާއިރު، ވޯޓާ ގުޅީގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ ރާއްޖެ އަށް އަމާޒު ވެފައެވެ.