މިނިސްޓީ އޮފް ހެރިޓޭޖް އާޓްސް އެންޑް ކަލްޗަރ ގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

ވަލީދާގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރި ތަފާތު އެކި މުޒާހަރާތަކުގައި ވަލީދާ ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރަށްފަހު ކުރި މުޒާހަރާތަކާ ގުޅިގެން ވެސް ވަލީދާ ހައްޔަރުކުރިއެވެ.