23 May 2019, 22:26
އިންޑިއާ-ރާއްޖޭގެ ގުޅުމުގެ އަގުވަޒަން ކުރާ ކަމަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު މިއަދު ދިފާއު ކުރެއްވި ނަރެންދުރަ މޯދީ ވިދާޅުވެއެޖެ އެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިސްވެ އޮންނަ އެލަޔަންސުން އެގައުމުގެ އާއްމު އިންތިހާބު ވަނީ ބޮޑު ތަފާތަކުން މިއަދު ކާމިޔާބުކޮށްފައެވެ. އެއާއެކު ބޮޑު ވަޒީރު މޯދީ ވަނީ އެނާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދިފާއު ކުރައްވާފައެވެ.
ބީޖޭޕީއާއި ބޮޑު ވަޒީރު މޯދީ ހޯއްދެވި ކާމިޔާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވާ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އެ ގައުމުން އަގު ވަޒަން ކުރާ ކަމަށާއި މުސްތަގުބަލުގައި ވެސް އިތުރު ދާއިރާތަކުން ދެގައުމުގެ ގުޅުން ވަރުގަދަ ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ސޯލިހް އެމަނިކުފާނު ހޯއްދެވި ކާމިޔާބަށް މަރުހަބާ ދެެންނެވިމުން މޯދީ ޝުކުރު އަދާ ކުރެއްވި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވާ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ-ރާއްޖެ ދެމެދުގައި އޮންނަ ގުޅުން ދެމި އޮންނަނީ ދެގައުމުން ހިއްސާވެ ދެކެން ބޭނުންވާ ތަރައްގީއާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމަށް މޯދީ ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމަނިކުފާނު ހޯއްދެވި ކާމިޔާބަށް މަރުހަބާ ދެެންނެވިމުން މޯދީ ޝުކުރު އަދާ ކުރެއްވި އެވެ.
މޯދީގެ ކާމިޔާބަށް ދުނިޔޭގެ ބޮޑެތި ލީޑަރުން ދަނީ މަރުހާބާ ދަންނަވަމުންނެވެ. އަދި މޯދީ ގެންދަވަނީ އެ ލީޑަރުންނަ ވަކި ވަކިން ޝުކުރިއްޔާގެ ޓްވީޓްތައް ކުރަމުންނެވެ.
މިދިޔަ މަހުގެ 11 އިން ފެށިގެން މިމަހުގެ 19 އާ ހަމައަށް ކުރިއަށް ދިޔަ އެ ގައމުގެ އާންމު އިންތިހާބުގެ ވޯޓު މިއަދު ހެނދުނު ގުނަން ފަށާފައިވާ އިރު، ބީޖޭޕީ އިސްވެ އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ވަނީ 345 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ 73 ގޮނޑި އިތުރު އަދަދެކެވެ.
ދެހާސް ސާދަވަނަ އަހަރުގެ އާންމު އިންތިހާބުގައި އެންމެ 44 ގޮނޑި ލިބުނު ކޮންގްރެސް ޕާޓީއަށް މިފަހަރު ލިބިފައި ވަނީ 86 ގޮނޑިއެވެ.
މީގެ އިތުރުން 2،000 އަށްވުރެ ގިނަ ޕާޓީތަކުން ވާދަ ކުރި އެ އިންތިހާބުގައި ބީޖޭޕީއާއި ކޮންގްރެސް ނޫން އެހެން ޕާޓީތަކުން ވަނީ 114 ގޮނޑި ކާމިޔާބުކޮށްފައެވެ.