ނަރުހުންނާއި ފޫޅުމައިންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ތައިލެންޑްގެ ޝާހީ އާއިލާ އިން ދޭ އެވޯޑެއް ކަމަށްވާ "ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް" މި އަހަރު ރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލަށް ލިބިވަޑައިގެންފި އެވެ.

ތައިލެންޑްގެ ނޫހެއް ކަމަށްވާ ޕައްޓަޔާ މެއިލް އިން ބުނީ ތައިލެންޑްގެ ޝާހީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. އާމިނަތު ޖަމީލަށް އިއްޔެ އެވޯޑް ހަވާލުކުރެއްވީ ޕްރިންސަސް މަހާ ޗަކްރީ ސްރިންދޯން ކަމަށެވެ.

ތައިލެންޑްގެ ޝާހީ އާއިލާއާ ހަވާލާދީ ޕައްޓަޔާ މެއިލް ބުނީ ޑރ. އާމިނަތު ޖަމީލަށް އެވޯޑް ލިބިވަޑައިގަތީ ސިއްހީ ދާއިރާ ރަނގަޅު ކުރެއްވުމާއި ނަރުހުންނާއި ފޫޅުމައިންގެ ކުރިއެރުމަށް ޓަކައި ވަރުގަދަ ބިންގަލެއް އަޅުއްވައި ދެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ނަރުހުންނާއި ފޫޅުމައިން އުފެއްދެވުމަށް ކުރެއްވި މަސައްކަތާއި ރާއްޖޭގައި ބޭސް އުފެއްދޭތޯ މަސައްކަތް ކުރެއްވުން ވެސް ފާހަގަ ކުރެވޭ ކަމަށް ޝާހީ އާއިލާއާ ހަވާލާދީ އެ ނޫހުގައިވެ އެވެ. އަދި ރާއްޖޭގެ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތް ވެސް ފާހަގަ ކުރެވޭ ކަމަށް އެ ނޫހުގައިވެ އެވެ.

މިއެވޯޑަކީ އަވަހާރަވެފައިވާ ޕްރިންސަސް ސްރިނަގަރިންދްރާ މަހިދޯލްގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2000 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ.