23 May 2019, 16:58
ކުރިއަށް އޮތް ތިން ދުވަހު ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ މި މަހު 20 ގައި ފެށިފައިވާ ކަމަށާއި އަދި މިހާރު މިއީ ރޯނު ނަކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ވައި ގަދަވާނެ ކަމަށާއި އެގޮތުން 13-23 މޭލަށް ވިލާ ގަނޑުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އާދައިގެ ވަރަކަށް އެ ހިސާބުތަކަށް ކަނޑު ގަދަވާނެ ކަމަށާއި ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެން ނަމަވެސް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވައި މަޑުވާނެކަމަށާއި އަދި ވިލާގަނޑުގައި 5-15 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
މިއަދު ހެނދުނުވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. މެޓް އޮފީހުން ބުނީ މިއަދު މެންދުރު 2:00 އާ ހަމައަށް 69.7 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ.