ދިއްލީ (މެއި 23): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިސްވެ އޮންނަ އެލަޔަންސުން އެގައުމުގެ އާއްމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މިދިޔަ މަހުގެ 11އިން ފެށިގެން މިމަހުގެ 19އާ ހަމައަށް ކުރިއަށް ދިޔަ އިންތިހާބުގެ ވޯޓު މިއަދު ހެނދުނު ގުނަން ފަށާފައިވާ އިރު، ބީޖޭޕީ އިސްވެ އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ވަނީ 345 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ 73 ގޮނޑި އިތުރު އަދަދެކެވެ.

އެ ކާމިޔާބީ ފާހަގަ ކުރަމުން ބީޖޭޕީން ކުރި ޓުވީޓެއްގައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ގައުމުގެ ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށާއި، މޯދީގެ ސަރުކާރު ދެވަނަ ދައުރަކަށް ހޮވުމަކީ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފައެވެ. އަދި އިތުރު ޓުވީޓެއްގައި ވަނީ ބީޖޭޕީއަށް ވޯޓު ދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ބީޖޭޕީން ވަނީ އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން އުފާ ފާޅު ކުރަން ފަށާފަ -- ފޮޓޯ: ބީބީސީ

މީގެ އިތުރުން މޯދީވެސް ވަނީ އުފާ ފާޅުކުރެއްވުމުގެ ގޮތުން ޓުވީޓެއް ކުރައްވާފައެވެ. އަދި ގައުމުގެ އެންމެން އެކީ މަސައްކަތްކޮށް، މިހާރަށްވުރެ ވަރުގަދަ، އެންމެންގެވެސް ބައިވެރިވުން އޮންނަ އިންޑިއާއެއް ބިނާކުރާނެކަމަށް ވިދާޅުވެފައެވެ.

"އެންމެން އެއްކޮށް މިހާރަށް ވުރެ ވަރުގަދަ އަދި އެންމެންގެ ބައިވެރިވުން އޮތް އިންޑިއާއެއް ބިނާ ކުރާނަން. އިންޑިއާ އަނެއްކާވެސް މޮޅުވެއްޖެ،" މޯދީގެ ޓުވީޓުގައި ވެއެވެ.

ދެހާސް ސާދަވަނަ އަހަރުގެ އާންމު އިންތިހާބުގައި އެންމެ 44 ގޮނޑި ލިބުނު ކޮންގްރެސް ޕާޓީއަށް މިފަހަރު ވަނީ 86 ގޮނޑި ލިބިފައެވެ. ނަމަވެސް އެޕާޓީގެ ލީޑަރު ރާހުލް ގާންދީ މީގެ ކުރިން ތަމްސީލު ކުރައްވަމުން އައި އަމެތީގެ ގޮނޑި ވަނީ ގެއްލިފައެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ބީޖޭޕީގެ ކެންޑިޑޭޓު ސުމިރުތީ އިރާނީއެވެ.

ނަމަވެސް ގާންދީ ވާދަ ކުރެއްވި ދެވަނަ ދާއިރާ ކަމަށްވާ ކެރަލާގެ ވަޔަނާޑްގައި ކުރީގައި އުޅުއްވަނީ ގާންދީ އެވެ. އަދި މަންމާފުޅު ސޯނިއާ ގާންދީ ވަނީ އުއްތަރަ ޕްރަދޭޝްގެ ރައޭ ބަރޭލީގެ ގޮނޑި ދިފާއު ކުރައްވާފައެވެ.

މީގެ އިތުރުން 2،000 އަށްވުރެ ގިނަ ޕާޓީތަކުން ވާދަ ކުރި އެ އިންތިހާބުގައި ބީޖޭޕީއާއި ކޮންގްރެސް ނޫން އެހެން ޕާޓީތަކުން ވަނީ 114 ގޮނޑި ކާމިޔާބުކޮށްފައެވެ.