23 May 2019, 14:01
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ދަށަށް ހިނގައްޖެއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ކުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި އެޗްޑީއެފްސީ އަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 20.25 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީއެފްސީ އަށް ފައިދާގެ ގޮތުގައި ލިބުނީ 20.67 ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެޗްޑީއެފްސީ އަށް ލިބިފައިވަނީ 46.41 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 7.24 ރުފިޔާ އަކީ ޝަރީއާ ޕްރޮޑަކްޓުތައް ވިއްކައިގެން ލިބުނު އާމްދަނީ އެވެ.
އެޗްޑީއެފްސީ އިން ފުރަތަމަ ކުއާޓަރުގައި ދޫކުރި ލޯނުތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 98.9 މިލިއަން ރުފިޔާގެ 40 ޕަސެންޓް ހިއްސާ ދާރުންނަށް ބަހަން ވަނީ ފާސްކޮށްފަ އެވެ. އެއީ ހިއްސާ އަކަށް 25 ރުފިޔާ އެވެ.
އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.
އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.
އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.