23 Oct 2011, 08:47
ރިޔާޒް (އޮކްޓޯބަރ 23) : މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އަވަހާރަވި ސަޢޫދީ ވަލީއުލްޢަހްދު އަލްއަމީރު ސުލްތާން ބިން ޢަބްދުލްޢަޒީޒް ފަސްދާނުލުން އަންނަ އަންގާރަދުވަހުގެ ޢަސްރު ނަމާދަށްފަހު ރިޔާޒް ގައި އޮންނާނެ ކަމަށް ސަޢޫދީ ނޫސް އެޖެންސީ ން ބުނެފިއެވެ.
ސަޢޫދީ ޝާހީ ދީވާން އާ ޙަވާލާދީ ސަޢޫދީ ނޫސް އެޖެންސީ ބުނިގޮތުގައި ސުލްތާން ގެ މައްޗަށް ކަށުނަމާދު ކުރެވޭނީ ރިޔާޒް ގެ އަލްއިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައި އަންނަ އަންގާރަދުވަހުގެ ޢަސްރު ނަމާދަށްފަހުއެވެ. އަލްއަމީރު ސުލްތާން ބިން ޢަބްދުލްޢަޒީޒް އަވާހަރަވީ ބޮޑު ގޮހޮރުގެ ކެންސަރުގެ އާލާސް ކަންފުޅެއްގައި އެތަށް އަހަރަކު އުޅުއްވުމަށްފަހު އެމެރިކާގެ ނިޔުޔޯކްގައި ހުންނަ ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއްގައެވެ.
ސަޢޫދީ ޝާހީ ދީވާނުން ނެރުނު ބަޔާނުގައި ސުލްތާން އަވަހާރަވީ ކޮންބާވަތެއްގެ އާލާސްކަންފުޅެއްގައި ހާމަކޮށްފައެއް ނުވެއެވެ. ސުލްތާން އަވަހާރަވުމާ ގުޅިގެން އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެރިން ގެންދަނީ ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އަށާއި ސަޢޫދީ ޝާހީ ޢާއިލާއަށް ތަޢްޒިޔާ ފޮނުއްވަމުންނެވެ.
ސުލްތާން އަވަހާރަވުމުގެ ހިތާމައިގާ ގަލްފުގެ ޢަރަބި ޤައުމުތަކާއި ބައެއް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި ސަޢޫދީ އަރަބިޔާގައިވަނީ ތިން ދުވަހަށް ހިތާމަ ޢިއްލާންކޮށްފައެވެ. އަވަހާރަވިއިރު ސުލްތާން ގެ އުމުރުފުޅަކީ 80 އަހަރެވެ. (އަލްޖަޒީރާ)