23 May 2019, 11:46
ޕުޓްރާޖާޔާ (މޭ 23) : މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑުވަމުންދަނީ ފަލަސްތީނުގެ މައްސަލައަށް އިންސާފު ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން ކަމަށާއި ފަލަސްތީނަށް އެހީތެރިވުމަކީ ވާޖިބެއްކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގައި ދިރިއުޅޭ ފަލަސްތީނުގެ ކޮމިއުނިޓީ އަށް ޚާއްސަކޮށްގެން ޕުޓްރާޖާޔާގައި ބޭއްވި އިފްތާރެއް (ރޯދަވީއްލުމެއް)ގައި ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ނިގުޅައިގަނެފައިވާ ހައްގުތަކަށް އިންކާރުކޮށް ފަލަސްތީނަށް އިންސާފު ހޯދައިނުދީ މެދުއިރުމަތީގައި ހަމަނުޖެހުން ގާއިމް ނުކުރެވޭނެ ކަމުގަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ ކުރީގެ ވެރިޔާ ޚާލިދް މިޝްއަލް ބައިވެރިވެރިވެ ވަޑައިގެންނެވި މި ރޯދަވީއްލުމުގައި މަހާތީރުވަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވައި އިސްރާއީލުގެ ވެރިންގެ ގޮތުގައި ތިބި ޓެރަރިސްޓުންނާއި މުޖްރިމުންގެ މައްޗަށް ޝަރީއަތް ހިންގައި ފަލަސްތީނަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެކަމަށް ވިދާޅުވެފަ އެވެ.
މަހާތީރުގެ ވާހަކަފުޅުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެމެރިކާ ތާއީދުކޮށް އިސްރާއީލުން ހިންގާ ސްޓޭޓް ޓެރިޒަމްގެ އަމަލުތަކަށް އެމެރިކާ އެހީތެރިވާ މައްސަލަ ކުށްވެރިކުރައްވައި އެމެރިކާގެ މި ބެއިންސާފު އަމަލުތަކަށް ފާޑު ވިދާޅުވި އެވެ. މަހާތީރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ އިސްތިއްމާރީ ގައުމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޔޫރަޕްގެ ބާރުތައްވެސް ކުށްވެރި ކުރައްވައި އެބާރުތަކުގެ ލާއިންސާނީ މާޒީއަށް ކުރުގޮތަކަށް ބައްލަވާލެއްވި އެވެ.
ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް ވަކާލާތު ކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ އިންސާނީ އަދި އަޚްގާލީ ވާޖިބެއް ކަމަށް ވިދާޅުވަމުން މެލޭޝިޔާއިން އިސްރާއީލަށް އިއްތިރާފް ނުވާނެކަމަށާ އަދި ފަލަސްތީނަށް އެހީތެރިވުމުގައި މެލޭޝިޔާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން މަހާތީރު ދެއްވި އެވެ. އަދި ދީނާއި ޖިހާދުގެ ނަމުގައި މެދުއިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާއި އިސްރާއީލަކީ އެއްމަގްސަދެއްގައި ހަރަކާތްތެރިވާ މުސްލިމުންގެ ދުޝްމަނުންކަމަށް ސިފަކުރެއްވި އެވެ. މިދެފަރާތުގެ އަމާޒަކީވެސް އިސްލާމްދީނާއި މުސްލިމުންކަމަށް ވިދާޅުވި އެވެ.
މި އިފްތާރުގައި ހަމާސް ޖަމާއަތުގެ ކުރީގެ ވެރިޔާ ޚާލިދް މިޝްއަލް ދެއްކެވި ވާހަކަފުޅުގައި މެލޭޝިޔާއިން ފަލަސްތީނަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތްތަކަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ދީލަތި އެހީތަކަށް ޝުކުރު އަދާކުރެއްވި އެވެ. މަހާތީރު ދެވަނަ ފަހަރަށް މެލޭޝިޔާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން މެލޭޝިޔާ އިން ވަނީ ތިން މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ސްކޯލާޝިޕްތައް ފަލަސްތީނުގެ ކިޔަވާކުދިންނަށް ދީފަ އެވެ. މިއީ 140 ސްކޯލާޝިލް އެވެ. މި ސްކޯލާޝިޕްތައް ދީފައިވަނީ ފަލަސްތިނުގެ ދަރިވަރުންގެ ކިޔެވުމުގެ ފީއާއި ހުރުމާއި ކެއުމާ އަދި ޕޮކެޓްމަނީ ވެސް ހިމެނޭ ގޮތަށެވެ.
މި ސްކޯލާޝިޕްތައް ދިނުމުގައި މެލޭޝިޔާގެ 13 ޔުނިވާސިޓީއަކުން ބައިވެރިވެފައިވެ އެވެ. މެލޭޝިޔާގެ ބައެއް ޖަމްއިއްޔާތަކުންވަނީ ރަމަޟާންމަހު ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި މެލޭޝިޔާގައި ޚާއްސަ ކޭންޕޭނެއްވެސް ކުރިޔަށްގެންގޮސްފައެވެ. (ނޫސްއެޖެންސީތައް)