23 May 2019, 11:03
ދެހާސް އަށާރަ ވަނަ އަހަރަށް މަރުހަބާ ކިޔުމަށް 31 ޑިސެމްބަރު 2017ގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއައިޓީޑީސީ އަދި ޕީއެސްއެމް އިން ގުޅިގެން ކުރިއަށް ގެންދިޔަ ޝޯގައި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު މަންޒަރުތައް ދެއްކި މައްސަލާގައި ޕީއެސްއެމް އިން މައާފަށް އެދެފި އެވެ.
އާ އަހަރުގެ ޝޯ ޕީއެސްއެމްގެ ޓީވީއެމް އިން ލައިވް ކުރިއިރު، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މަންޒަރުތައް ދައްކާފައިވާތީ އެކަމަށް މައާފަށް އެދުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން އެ ކުންފުންޏަށް އަންގާފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެ އެންގުން އެންގިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީފަހުން މައްސަލާގައި މައާފަށް އެދި، ޕީއެސްއެމް އިން ބަޔާނެއް ނެރުނީ އިއްޔެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކޮންޓެންޓް މައްސަލާގައި މައާފަށް އެދެން އެންގުމުން އެ ކުންފުނީގެ ކުރީގެ މެނޭޖުމެންޓުން އެކަން ތަންފީޒުނުކޮށް ލަސްކޮށްފައިވާ ކަމަށެވެ.
އަދި ސަރުކާރު ބަދަލުވުމަށް ފަހު، ކުންފުނީގެ ބޯޑު އަލުން އެކުލަވާލުމާއި ހަމައަށް ބްރޮޑްކާސްޓިން ކޮމިޝަން ހަނު އޮތުމަށް ފަހު މާކުރީގެ މައްސަލައެއްގައި މައާފަށް އެދުމަށް މަޖުބޫރު ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޕީއެސްއެމް އަކީ ވަކި ފަރާތަކަށް ބުރަވެ އޮވެގެން ކުރަމުން އައި މަސައްކަތް ބަދަލުކޮށް، ސަރުކާރުގެ ނުފޫޒު ނެތް މާހައުލެއްގައި ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތާއިހަބަރު ފެތުރުމަށްޓަކާ ރަނގަޅު ޕަބްލިކް ސާވިސް ބްރޮޑްކާސްޓަރެއްގެ ހިދުމަތެއް ދިނުމަށް އަމާޒު ހިފައިގެން މި ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖުމެންޓުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައ މާ ކުރީގެކަމެއް މިހާރު ތަންފީޒުކުރުވަން ބްރޮޑްކާސްޓިން ކޮމިޝަނުން މަޖުބޫރު ކުރަމުންގެންދާތީ، އެ ކޮމިޝަނުން އަންގާފައިވާ އެންގުމާ އެއްގޮތަށް އެ ކޮމިޝަނުން އެންގެވި ކަންތަކަށް މި ކުންފުނިން މައާފަށް އެދި މި ބަޔާން ނެރުނީމެވެ،" ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.