ގަތަރުގައި 2022 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑު ކަޕުގައި 48 ޓީމު ކުޅޭ ގޮތަށް ކުރިން ނިންމި ނަމަވެސް އެވަރަށް ވަގުތު ނެތުމުން ކުރިން ކުޅޭ އުސޫލަށް، 32 ކުޅުމަށް ފީފާއިން ނިންމައިފި އެވެ.

ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕު ބޭއްވުމަށް ގަތަރުން މަސައްކަތް ކުރަމުން އަންނަ އިރު އެ ގައުމުގައި ވަނީ އެންމެ ޒަމާނީ ފެންވަރަށް ސްޓޭޑިއަމްތައް ހަދަން ފަށައިފަ އެވެ. އެގޮތުން މިހާރު ވެސް ބައެއް ސްޓޭޑިއަމްތައް ނިންމާ ވަނީ އާއްމުންނަށް ދައްކާލާފަ އެވެ. ނަމަވެސް ފީފާއިން ޙިޔާލު ކުރި ގޮތަށް 48 ޓީމު ހިމަނައިގެން އަންނަ ފަހަރުގެ ވޯލްޑް ކަޕު އެގައުމުގައި ނުބޭއްވޭނެ ކަން އެ ގައުމުން ވަނީ ބުނެފަ އެވެ.

ގަތަރުން ބުނީ އެއްފަހަރާ އެހާ ގިނަ ގައުމުތަކުގެ ޓީމުތައް ކުޅެވޭނެ ވަރަށް ސްޓޭޑިއަމްތައް ކަނޑައެޅިފައިވާ ދުވަހަށް ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަށް ވަގުތު ނެތް ކަމަށެވެ. އަދި ފީފާއިން ވެސް އެ އަދަދަށް ޓީމުތައް ކޮލިފައި ކުރުމަށް ގަވާއިދަށާއި އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ލަސްވެފައި ވާ ކަމަށް ވަނީ ބުނެފަ އެވެ.

މިއަހަރުގެ މެދު ތެރޭގައި ވޯލްޑް ކަޕުގެ ކޮލިފައިން ފެށުމަށް ހަމަޖެހިފައިވާ އިރު އަންނަ ވޯލްޑް ކަޕުގައި ވެސް ވާދަ ކުރާނީ ކުރިއެކޭ އެއްފަދައިން 32 ޓީމު ކަމަށް ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް ޓީމުތައް އިތުރު ކުރުމުގެ ވިސްނުން އަދި ދޫނުކުރާ ކަމަށާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެކަން ހަމަޖެހިގެން ދާނެ ކަމަށް ފީފާއިން ބުނެ އެވެ.

"ފީފާގެ ކައުންސިލުން ކުރި ދިރާސާތަކާއި ބެލި ބެލުމަށް ފަހު، ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕު 32 ޓީމުން 48 ޓީމަށް ބަދަލު ކުރުމަށް އެކަށީގެން ނުވޭ،" ފީފާ އިން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވާ ގޮތުން ގަތަރުގައި 48 ޓީމު ކުޅެވޭ ވަރަށް ޖާގަ ނުލިބިއްޖެ ނަމަ އެ ގައުމުގެ ކައިރީގައި އޮތް އެހެން ގައުމުތަކުގައި ވެސް މެޗުތައް ކުޅުމަށް ވާހަކަ ދެއްކެވުނު ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލިބިދާނެ އިތުރު އެހެން ގެއްލުންތަކަށް ބަލައި އަންނަ ވޯލްޑް ކަޕަށް އެ ބަދަލު ނުގެންނަން ނިންމީ ކަމަށް ވެ އެވެ.