22 Oct 2011, 23:38
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތް ރަނގަޅަށް ނުހިނގައި އަދި މުޅި ކައުންސިލް ބަދުނާމުވާ ކަމަށް ބުނެ، ކައުންސިލްގެ 10 މެންބަރަކު ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ ރައީސާއި ނާއިބު ރައީސް މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
އެ ކައުންސިލްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިރޭ ވިދާޅުވީ 10 މެމްބަރަކު ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅީ، ކައުންސިލްގެ ޒިންމާ އަދާނުކުރެވި މުޅި ކައުންސިލްގެ މަސައްކަތްތައް ބުރޫ އަރަމުންދާތީ ރައީސް މުހައްމަދު ނަޒީފާއި ނައިބު ރައީސް އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވުމަށް އެދި ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޕެޓިޝަނުގައި އެދިފައި ވާނީ ކައުންސިލްގެ ކުއްލި ޖަލްސާއެއް މާދަމާ ހަވީރު ބާއްވައި ދިނުމަށް ކަމަށާއި ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ވިސްނުންފުޅަކީ އެ އިރަށް ރައީސްއާއި ނާއިބު ރައީސް އިސްތިއުފާ ނުދެއްވައިފި ނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި، ޕެޓިޝަން ލީތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަދި ބައެއް މަސްދަރުތައް ބުނާ ގޮތުން އެ ދެ ބޭފުޅުން ވަނީ ކައުންސިލްގެ މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް ނައިބު ރައީސް އަހުމަދު އަބްދުﷲ އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ އޭނާ އަދި އިސްތިއުފާ ނުދެއްވާ ކަމަށާއި ނަމަވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އިސްތިއުފާ ދޭނަން. އަދި އިސްތިއުފާދޭ އިރު ގުޅާނަން،" އަހުމަދު ވިދާޅުވި އެވެ.
ސަން މައުލޫމާތު ދިން މަސްދަރުތައް ބުނި ގޮތުގައި ނަޒީފު ވަނީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވިކަން އެ ބޭފުޅުންނަށް އަންގަވައިފަ އެވެ.
ނަމަވެސް ނަޒީފު ރޭޑިއޯ ލައިވެއްގައި އިންނެވުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.