ދިއްލީ (މެއި 23): އިންޑިއާގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބުގެ ވަގުތީ ނަތީޖާއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރި ހޯދައިފި އެވެ.

އިންޑިއާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 900 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 600 މިލިއަން ބައިވެރިވި ވޯޓު ގުނަން ފެށީ މިއަދު ހެނދުނެވެ. އަދި މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން 303 ގޮނޑީގައި ކުރީގައި އުޅެނީ ބީޖޭޕީގެ ކެންޑިޑޭޓުންނެވެ. އަދި އިދިކޮޅު ކޮންގްރެސްއިން ކުރީގައި އުޅެނީ 110 ގޮނޑީގަ އެވެ.

ބީޖޭޕީން ކުރި ހޯދާފައިވާ ގޮނޑިތަކުގެ ތެރޭގައި ގާންދީ އާއިލާއިން ގިނަ އަހަރުތަކެއް ވަންދެން ދިފާއު ކޮށްފައިވާ އަދި ރާހުލް ގާންދީ ކުރިމަތިލައްވާފައިވާ އެއް ގޮނޑި ކަމަށްވާ، އަމެތީގެ ދާއިރާވެސް ހިމެނެ އެވެ. އެދާއިރާއިން ކުރީގައި އުޅުއްވަނީ ބީޖޭޕީގެ ކެންޑިޑޭޓު ސުމިރުތީ އިރާނީ އެވެ. ގާންދީ ދެން ވާދަ ކުރައްވަނީ ކެރަލާގެ ވަޔަނާޑުންނެވެ.

އެހެންނަމަވެސް ބޮޑުވަޒީރު މޯދީ ވާދަ ކުރައްވާ އުއްތަރަ ޕްރަދޭޝްގެ ވަރަނާސީގައި 20،000 ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވަނީ މޯދީ އެވެ. އެހެންކަމުން ބޮޑުވަޒީރު އެގޮނޑި ދިފާއު ކުރައްވާނެ ކަމަށް ބެލެވެ އެވެ.