23 May 2019, 09:43
މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ އޮފީސް އިމާރަތް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ޕްލޭނިންގެ އޮފީސް އިމާރާތުގެ މަސައްކަތް އީޕީސީ ޓަންކީ އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް އިން ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފައެވެ.
އިންޓަނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގެ އުސޫލުން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް އިން އިއުލާނުކޮށްފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 100 ޑޮލަރު (1500 ރުފިޔާ)ގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަންޖެހެއެވެ.
ރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާގެ ބިޑް ސެކިޔުރިޓީ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން) އެއް ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް އިއުލާނުގައި ވެއެވެ.
މި މަސައްކަތާ ބެހޭ ލޮޔުންތަކުގެ ސޮފްޓު ކޮޕީ މެއި 26 ވަނަ ދުވަހުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފީސް އިމާރަތް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާއިރު ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތްވެސް ހުޅުމާލޭގައި އެޅުމަށް ވަނީ ނިންމައިފައެވެ. ޕްލޭނިން މިނިސްޓްރީ މިހާރު ހިންގަނީ ހައުސިން މިނިސްޓްރީވެސް ހިންގާ އިމާރާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ބޭނުންވާތީ މާލޭގައި ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނަހަދާނެ ކަމަށެވެ.