ވޮޝިންގޓަން (އޮކްޓޯބަރ 22) : ޢިރާޤުގައިތިބި އެމެރިކާގެ ހުރިހާ ސިފައިން ކުރިޔަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ޢިރާޤުން ބާލައި ނިންމާނެކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޢްލާން ކުރައްވައިފިއެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ޢިރާޤުން އެއްކޮށް ފޭބުމަށް އެމެރިކާ ނިންމައިފި ކަމަށާއި 2008 ވަނަ ޢިރާޤާއި އެމެރިކާ އެއްބަސްވެފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން އެމެރިކާ ސިފައިންގެ އެންމެން ޢިރާޤުން ބާލާނެކަމުގައެވެ.

ޢިރާޤުގައި މިހާރު ތިބީ އެމެރިކާ ސިފައިންގެ އެންމެ 39 ހާސް މީހުންނެވެ. މިއަހަރުގެ ތެރޭގައި އެމެރިކާވަނީ އެޤައުމުގެ ލައްކައަކަށްވުރެ ގިނަ ސިފައިންނާއި އެމީހުން ބޭނުންކުރަމުން ގެންދިޔަ ހަތިޔާރާއި އާލާތްތައް ޢިރާޤުން ބާލާފައެވެ. އެމެރިކާ މިހާތަނަށް މަސައްކަތްކުރީ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީ ބެލެހެއްޓުމަށާއި ޢިރާޤު ސިފައިންނަށް ބޭނުންވާ ތަމްރީން ދިނުމަށްޓަކައި މަދުވެގެން އެމެރިކާގެ ހައެއްކަ ހާސް ސިފައިން ޢިރާޤުގައި ބޭތިއްބުމަށެވެ.

މިކަމަށްޓަކައި އިރާޤު ސަރުކާރާއެކު އެމެރިކާ ދައްކަމުން ގެންދިޔަ ވާހަކަތައް ނާކާމިޔާބުވީ މިގޮތަށް ބައިތިއްބަން ބޭނުންވާ އެމެރިކާ ސިފައިން ކުރާ ކުށްތަކަށް ޢިރާޤުގެ ޤާނޫނުތަކުން އިސްތިސްނާއެއްދިނުމަށް އެމެރިކާ އެދުނު އެދުމަށް ޢިރާޤުން ދެކޮޅު ހެދުމުގެ ސަބަބުންނެވެ. ޢިރާޤުންވަނީ އެމެރިކާ ސިފައިންގެ އެކަަކަށްވެސް ޤާނޫނީ އިމްތިޔާޒެއް ނޫނީ އިސްތިސްނާއެއް ދިނުމަށް ދެކޮޅު ހަދާފައެވެ. މިއާގުޅިގެން އެމެރިކާ ނިންމީ ޢިރާޤުން އެއްކޮށް ފޭބުމަށް ކަމަށް އެމެރިކާގެ އެހެން މަސްއޫލުވެރިއަކު ވިދާޅުވިއެވެ. -- އަލްޖަޒީރާ