23 May 2019, 12:39
މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް އެމްޓީސީސީގެ ލޯންޗެއްގައި އެއްޗެއް "ގޮވައި" މީހަކު ވަރަށް ބޮޑަށް ފިހުނީ މަސައްކަތް ކުރާއިރު އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާ ހުރުމުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެ ލޯންޗު ނުވަތަ ލޯންޗުގެ ބެޓެރިއެއް "ގޮވިކަމަށް" ރިޕޯޓްކޮށްފައި އޮތް ނަމަވެސް އެ ލޯންޗްގައި ހަގީގަތުގައި އެއްޗެއް ނުގޮވާ ކަމަށެވެ.
ޝާހު ވަނީ އެ ހާދިސާ ހިނގިގޮތަށް ވަރަށް ތަފްސީލުކޮށް ވިދާޅުވެވެސް ދެއްވައިފަ އެވެ.
ޝާހު ވިދާޅުވީ އެ ހާދިސާ ހިނގިއިރު ލޯންޗްގެ ކްރޫގެ މީހަކު ހުރީ ލޯންޗްގެ ވަތަށް ފައިބައިގެން ކަަމަށާއި އޭނާ އެތަނަށް ފޭބިއިރު ހުރީ އެކަހަލަ ތަނަކަށް ވަންނައިރު ސަލާމަތީގޮތުން ރައްކާތެރިވުމަށް ލާންޖެހޭ "އޯވަރޯލް"ވެސް ނުލާ ކަމަށެވެ.
"އޭނަ ސުވިޗް ބަދަލުކުރިއިރު ބެޓެރިހުރީ ޑިސްކަނެކްޓް ނުކޮށް. ދެން ލޯންޗެއްގަ ޕެޓްރޯލްޓޭންކެއްގަ އަޑީގަ ހުންނާނެތާ ވޭޕާސް ދެން މީނާ ބެޓެރި ޑިސްކަނެޓްނުކޮށް ސްވިޗް ބަދަލުކުރަން އުޅެނިކޮށް ސްޕާކެއްވީ ދެން ސްޕާކެއްވީމަ އެކަހަލަ ތަނެއްގަ ހުންނާނެތާ ޕްރެޝަރުވެސް ފިއުމްވެސް ހުންނާނެތާ ދެން އެއާއެކު އައި ކުޑަކުޑަ އެކްސްޕްލޯޝަނެއް. ގޮވީކީ ނޫން އަސްލު. ދެން ވީގޮތަކީ އޭގެ އާވިގަނޑު މީނަގެ މޫނަށް އައީ،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މެނުއަލްވެސް ހަދާފަ ހުންނާނެ ކަމަށާއި އައިއެސްއޯ ސްޓޭންޑަޑަށް ގެންދަން މިހާރުވެސް އިރުޝާދުދީ ހަދަމުންދާކަމަށެވެ.
އެ ހާދިސާގައި ފިހުނު 39 އަހަރުގެ އަލީ އިމްރާންގެ ހަށިގަނޑުގެ 30 ޕަސެންްޓް ވަނީ ފިހިފަ އެވެ. އިމްރާންއަށް މިހާރު ފަރުވާ ދެމުންދަނި އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އަދި އޭނާ ބޭރަށް އިތުރު ފަރުވާއަށް ގެންދިއުމާއި އެހެނިހެން ހަރަދުތަކަށް އެމްޓީސީސީއިން އެހީތެރިވަމުންދާކަމަށް ސީއީއޯ ވިދާޅުވި އެވެ.