ވޮޝިންގޓަން (އޮކްޓޯބަރ 22) : އެމެރިކާގެ ރައްޔިތުންގެ މެދުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މަޤްބޫލުކަން އާދަޔާ ޚިލާފަށް ދަށަށް ހިނގައްޖެކަން ޚިޔާލު ހޯދުމުގެ އައު ސަރވޭއަކުން ހާމަވެއްޖެވެ.

ގްލޮޕް ފައުންޑޭޝަނުން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ނެގި އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން އޮބާމާގެ ތާއީދު ރައްޔިތުންގެ މެދުގައިވަނީ 41 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިއީ ވެރިކަމުގެ ތިން ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ރައީސެއްގެ މަޤްބޫލުކަން މިހާބޮޑަށް ދަށަށް ދިޔަ ދެވަނަ ފަހަރު ކަމަށް ގެލޮޕް އިން ބުނެ އެވެ.

މީގެކުރިން ވެރިކަމުގެ ތިން ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ރައީސެއްގެ މަޤްބޫލުކަން ދަށަށް ގޮސްފައި ވަނީ ޖިމީ ކާޓާގެ ވެރިކަމުގައެވެ. 1980 ވަނަ އަހަރު ކާޓާގެ މަޤްބޫލުކަން 31 ޕަސެންޓަށް ދަށަށް ގޮސްފައިވެ އެވެ.

އޮބާމާގެ މަޤްބޫލުކަން ދަށަށް ދިޔުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ އޭނާގެ ދައުރުގައި އެމެރިކާގެ އިޤްތިސާދު ބަލިކަށިވެގެން ދިޔުމާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް މައްޗަށް ދިޔުމެވެ. -- އޭއެފްޕީ