23 May 2019, 13:30
މިމަހުގެ ނުވަ ވަަނަ ދުވަހު ހުޅުމާލޭގައި އެމްޓީސީސީގެ ބަަހަކުން ކާރެއްގައި ޖެހި "އެކްސިޑެންޓް" ހިނގީ ޑްރައިވަރަށް ނިދި ޖެހިގެން ނޫން ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެކަން ހިނގީ ޑްރައިވަރަށް ނިދިޖެހިގެން ކަމަށް އަޑު އަރާފައި އޮތް ކަމަށް ކުރިން ރިޕޯޓްކޮށްފައި އޮތް ނަމަވެސް، ފަހުން ކުރި ތަހުގީގުތަކުން އެކަން ހިނގީ ޑްރައިވަރު ފަރުވާ ކުޑަވެގެންކަން އެނގިފައިވާ ކަމަށެވެ.
"ފަހުން ފުލުހުންވެސް ބުންޏޭ ނިދިޖެހިގެނެއް ނޫނޭ. ޑްރައިވަރުގެ ފަރުވާކުޑަކަމުންކަމަށް ބެލެވެނީ. އޭނާއަށް ހަމަ ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން ހަމަ ގޮއްސަ ކުރީގައި އޮތް ކާރެއްގައި ޖެހިފައި އެކްސިޑެންޓްވީ. ބަހުގަ ތިބި މީހުން އެބަބުނޭ އޭނާއާ ކޮންޑަކްޓަރާ ވާހަކަ ދައްކަންވެސް ތިއްބޭ" ޝާހު ވިދާޅުވި އެވެ.
ރޯދަ މަސް ފެށުނުތަނާހެންވެސް ހުޅުމާލޭ ދުއްވާ އެމްޓީސީސީގެ ބަހަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެ ހާދިސާގައި ބަހުން ދަށުވި ޔުކްރޭންގެ ފަތުރުވެރިޔާ ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓް ވެސް ހިނގީ ޑްރައިވަރަށް ނިދިގެން ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ބަަސް ޑްރައިވަރު މިހާރު ވަނީ ފުލުހުން ދޫކޮށްލައިފަ އެވެ.
" އޭނާއާ މެދު އެޗްއާރުން ވަރަށް އަވަހަށް ފިޔަވަޅު އަޅާނަން" ޝާހު ވިދާޅުވިއެވެ.
އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެމްޓީސީސީން ބުނީ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ ކަމަށާއި ޑްރައިވަރުން ބަސް ދުއްވަންޖެހެނީ ގިނަ ވެގެން ހަތަރު ގަޑިއިރު ކަމަށެވެ. އެ ހާދިސާތަކާ ގުޅިގެން އެމްޓީސީސީން ވަނީ ޑްރައިވަރުންގެ މަސައްކަތް ހަރުދަނާކުރަން މެޑިކަލް ޗެކަޕްތަކާއި ތަމްރީންތައް ފަށައިފައެވެ.